ރާއްޖޭގެ އަތޮޅުތަކަށް މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށްވާ ސްމާޓް ސިޓީގެ ޚިދުމަތް ތައާރަފުކޮށް މިކަމާ ގުޅޭ އެއްބަސްވުުމުގައި އެޗްޑީސީއިން މިައަދު ސޮއިކޮށްފިއެވެ.

އއ. ތޮއްޑޫގެ ކައުންސިލާއެކު ވެވުނު މި އެއްބަސްވުމަކީ، ރާއްޖެ ފަދަ ކުދި ޖަޒީރާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގައުމެއް ކަމުގައި ވީނަމެސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫންކަމަށް އެޗްޑީސީން ގަބޫލުކުރާ ގަބޫލުކުރުން ހަގީގަތަކަށް ހެދުމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅުކަން އެކުންފުނިން ފާހަގަ ކުރެއެވެ.

މި ގޮތުން އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗާ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށާއި އަދި މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުށަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ އިތުރުން ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން ހަލުވިކަމާއެކު މަސަކަތްފަށާ ކުރިޔަށްދާތާ މިހާރު މިވަނީ އަހަރަކަށް ވުރެން ގިނަދުވަސް ވެފައެވެ. އެގޮތުން ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ވަނީ ހުޅުމާލޭގައި ބިނާކުރެވިފައެވެ. މި މަސައްކަތުގައި ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރަމުންނެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުވުމަކީ އެޗްޑީސީގެ ތަސައްވުރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެލިންނަށް ލުއިފަސޭހަ ދިރިއުޅުމެއް ފޯރު ކޮށްދިނުމަކީ އެ ކުންފުނީގެ އެއް އަމާޒެވެ.