ރައީސް ސޯލިހަކީ ހިތްތިރިކަމާއި އޯގާތެރި ބޭފުޅެއްކަމަށާއި މި ސަރުކާރުން ޒާތީވެ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯލިޝަންގެ ފަރާތުން އިއްޔެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހިމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ވިދާޅުވުމުން އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލައި އަމަލުކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޒާތީވެ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭ ކަމަށާއި އެއީ ރައީސް ސޯލިހުގެ ހިތްތިރިކަމާއި އޯގާތެރިކަން ކަމަށެވެ.

ރައީސް ޔާމީނާ މިއަދު ބައްދަލުވި. ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް. މައުސޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރައީސް ޔާމީން އާ ބައްދަލު ކުރެއްވުމަށް މާފުށްޓައް ވަޑައިގަތް ޓީމުގައި އަދުރޭގެ އިތުރުން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކައުންސިލް މެންބަރު އިބްރާހިމް ސުޖާއުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އާއި ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ހިމެނެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އަންނަނީ ތައްޔާރު ވަމުންނެވެ.