އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަޑައިގެންފިއެވެ.

ނަޝީދާ އެކު އަމްރު މިއަދު ހުވަދު އަށް ވަޑައިގެންފައި ވާއިރު ތިން ދުވަހަށް ގއ އަދި ގދ ގައި ކެމްޕެއިން ކުރިއަށް ގެންދަން އޮތީ ޝެޑިއުލް ކޮށްފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އަމްރަކީ، އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްގެ އިތުރުން ގައުމީ މަޖިލީހުގެ މެމްބަރެއް ވެސް މެއެވެ.

މި އަހަރުގެ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ކުޑަތަންވަމުން އަންނަ އިރު، ނަޝީދު ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

ނަޝީދު ފޯރިއާ އެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު، ޕަރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ވަޑައިގެންފައެެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.