ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ކޯޓްޔާޑުގައި އާންމުން އިންދާފައި ހުރި ގަސްތައް ނަގާ އެތަން ސާފުކުރަން އެޗްޑީސީން އިން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ހިޔާ ފްލެޓްތަކުގެ ކޯޓްޔާޑާއި ޓަވަރު ވަށައިގެންވާ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި އެޗްޑީސީގެ ފަރާތުން ފެހިކުރުމާއި ގާޖެހުމުގެ މަސައްކަތް ފަށާފައި ވާ ކަމަށާއި ޓަވަރު ވަށައިގެންވާ ސަރަހައްދުގައި އާންމު ފަރާތްތަކުން އިންދާފައިވާ ގަސްތައް ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ބާރު މިނުގައި ގެންދަން ދަތިތަކެއް ދިމާވާ ކަމަށެވެ.

މިހާތަނަށް ނުނަގައި ހުރި ގަސްތައް އެޗްޑީސީގެ ފަރާތުން ނަގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ގަސްތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އެޗްޑީސީ އިން ވަނީ އެ ގަސްތައް ނަަގަން އަންގާފައެވެ.

ހިޔާ ކޯޓުުޔާޑަކީ ހިޔާ ޓަވަރުތަކުގެ ދެމެދުގަައި ހަދާފައިވާ ކުދިކުދި ޕާކުތަކެވެ. މިހާރު ގަސް އިންދުމުގެ މަސައްކަތައް ފެށުމަށް އެތަންތަން ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، އެތަން ޑިޒައިން ކޮށްފައި ވާނީ އާންމު ރައްޔިތުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ގޮނޑިތަކެއް ވެސް ޖަހާ ގޮތަށެވެ. މީގެ އިތުރުން ކޮންމެ ކޯޓުޔާޑެއްގައި ވެސް ހިޔާ ދޭ ބޮޑެތި ގަސްތަކެއް ހުންނާނެ ގޮތަށް ފަރުމާ ކުރާ އިރު، ހިޔާގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުން ކުރެވޭ ކަހަލަ ގަސްތައް އެ ތަނުގައި ހައްދަން ވަނީ ނިންމާފައެވެ.