ޕާކިސްތާނުން ރާއްޖެއަށް އައި މީހަކު ގެނައި 30 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ބުނާ ލަގެޖް ފެނުނު ބަޔަކު ނޭނގޭ ކަމަށާއި، އަދި މަސްތުވާތަކެތި ހުރި ލަގެޖެއް ބަލައި ފާސްކުރި އިރު ފެނިފައި ނުވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، ރާއްޖެއަށް އަންނަ މީހުން ބަލައި ފާސްކުރާ އިރު، ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ބަލައި މީހުން ބަލައި ފާސްކުރާ ކަމަށެވެ. އެ ގޮތުން ބަލައި ފާސްކުރާ ކޮންމެ ފަހަރަކީ މަސްތުވާތަކެތި ނުވަތަ ގާނޫނާ ހިލާފް އެއްޗެހި ފެންނަ ފަހަރެއް ނޫން ކަމަށެވެ.
އެގޮތުން އެފަދަ އެއްޗެއް ނުފެނުނަސް ބައެއް ހާލަތްތަކުގައި އިންޓެލިޖަންސް އަށް ލިބޭ މައުލޫމާތު ވެރިފައި ކުރުމަށް ބަލައި ފާސްކުރާ މީހާ ފުލުހުންނާ ހަވާލު ކުރެއެވެ. އެ ހާލަތުގައި އެމީހާގެ ލަޖެގުން އެއްޗެއް ނުފެންނަ ކަމަށް ވާނަމަ އެ ލަގެޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުންނާ ހަވާލު ކުރި އިރު ލަގެޖް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އައި އިރު 30 ކިލޯގެ އިތުރު ލަގެޖްއެއް ގެނެސްފައިވާ އިރު އެ ލަގެޖް ނުފެންނާތީ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. އަދި އެމީހާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
މިކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ ކަސްޓަމްސްއާއި ފުލުހަށް އަމާޒު ވެފައެވެ. ކަސްޓަމްސްއިން ބުނެފައި ވަނީ، މިހާތަނަށް އައި އިރު ކަސްޓަމްސްގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާ ފާސްކޮށް އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށްފަހު، އެ މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލްވާ މީހާ ފުލުހުންނާ ހަވާލު ކުރާ ކަމަށެވެ. އަދި މިހާތަނަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ނުވަތަ އެފަދަ އެއްޗެއް ހުންނަ ލަގެޖް ފަދަ އެއްޗެއް ގެއްލިފައި ނުވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އަދި ކަސްޓަމްސްއަށް ލިބޭ މައުލޫމާތާ ގުޅިގެން ބަލައި ފާސްކުރެވޭ ކޮންމެ ފަހަރަކީ މަސްތުވާތަކެތި ފެންނަ ފަހަރުތަކެއް ނޫން ކަމަށް ވެސް ބުނެއެވެ. ނަމަވެސް ލިބޭ މައުލޫމާތަށް ބަލައި ފާސްކުރުމުގެ މަސައްކަތް އެއްވެސް ވަރުބަލި ކަމެއް ނެތި ކަސްޓަމްސް އޮފިސަރުން ކުރަމުންދާ ކަމަށް ވެސް ބުނެއެވެ. އެގޮތުން މިދިޔަ އަހަރަކީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެންމެ ގިނައިން އަތުލައިގަނެވުނު އަހަރު ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަސްޓަމްސް އިން ތަންފީޒުކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެމީހާ ދެ ލަގެޖެއް ހިފައިގެން އައި ކަމުގެ މައުލޫމާތު ލިބޭ އިރު، ކަސްޓަމްސް އިން ޗެކް ކުރީ ކިތައް ލަގެޖް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. މައުލޫމާތު ވެރިފައި ކުރުމަށް ޕާކިސްތާނުން އައި މީހާ ފުލުހުންނާ ހަވާލު ކުރި އިރު އެއް ލަގެޖް މަދުކަމަށް ބުނެފައި ވެއެވެ. އެ ބުނާ އިތުރު 30 ކިލޯގެ ލަގެޖް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނާ އިރު އެ ލަގެޖް ގެއްލުނީ ކޮން ހިސާބަކުން ކަން އެނގޭ މީހަކުވެސް ނެތެވެ.