ރާއްޖެއަށް ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެެ.

ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު 10 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 5 ބިދޭސީންގެ ބަންދަށް 5 ދުވަސް އަދި ބާކީ ތިބި 5 މީހުންގެ ބަންދަށް 1 ދުވަސްވަނީ ޖަހާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ބޯޓުގެ ކެޕްޓަން ނަސްވަން އަދީލް (30)ގެ (އިންޑޮނޭޝިއާގެ) ބަންދަށް އިއްޔެ އިތުރު 15 ދުވަސް ޖަހައިފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކޮށްފައިވާ އިރު، މި ތަކެތި ވަނީ އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވްވެފައެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 6.5 ކިލޯ ގްރާމް ހުރިކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު ނަސްވަން އަކީ މި ބޯޓުގެ ކެޕްޓަން ކަމަށްވުމުން ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އޭނާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އޭނާގެ ކެޕްޓަންކަމުގައި ރާއްޖެ އައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ބުނި ނަމަވެސް، ކެޕްޓަންގެ ޒިންމާއިން ބަރީއަވެވިދާނެކަމަށް ނުދެކޭ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް މިހާރު ބަންދުން ދޫކޮށްފައިވީ ނަމަވެސް، އޭނާ އަކީ ބޯޓުގެ ކެޕްޓަން ކަމަށްވާތީ ޒިންމާގެ ގޮތުން ފަރަގުތަކެއް ހުންނާނެ ކަމަށް ކޯޓު އަމުރުގައިވަނީ ބަޔާންކޮށްފައެވެ.