އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އިހަވަންދުއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސްކޫލު ދަރިވަރުން ނެރުމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސްކޫލުން ވަނީ މިއަދު ހެނދުނު 10:30 ގައި ރައީސް ސޯލިހު އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި މަރުހަބާ ދެންނެވުމަށް ގްރޭޑު 1،2،3،4 އަދި 5 ގެ ދަރިވަރުން ސަގާފީ ހެދުމެއްގައި ނުވަތަ ގައުމީ ހެދުމެއްގައި ބެލެނިވެރިންނާއެކު ބަނދަރު ސަރަހައްދަށް ހާޒިރުވުމަށް އަންގާފައެވެ.

އެހެންނަމަވެސް ޑިސެމްބަރު 3، 2018 ގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ސޮއިކުރައްވާ ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނަވެވުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވާތީއާއި އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

ދަރިވަރުން ނެރެން އެންގުމުން ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފަށެވެ. އެހެންނަމަވެސް ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި ގިނަ އަދަދެއްގެ ސްކޫލު ކުދިން މަރުހަބާ ދަންނަވަން ނެރޭތަން އަންނަނީ ފެންނަމުންނެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި ދާދިފަހުން އައްޑޫއަށް ވަޑައިގެންފައިވާއިރު އުތުރު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.