ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމު މަރާލުމުގެ ކުށް ސާބިތުވެފައިވާ މުހައްމަދު ސަމާހުގެ ދިފާއީ ވަކީލުގެ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން އެ ވަކީލު އެ މައްސަލައިން ވަކިކޮށްފިއެވެ.
އާދަމް ހަލީމު މަރާލުމުގެ ކުށް ސަމާހުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ސަމާހުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށާފައިވާއިރު ސަމާހް ވަނީ ދިފާއީ ވަކީލުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ކޮށްފައެވެ.
ސަމާހް ބުނީ އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށްވާތީ އޭނާއަށް މިމައްސަލައިގައި ހުރިހާ މަރުހަލާއެއްގައި ވެސް ވަކާލާތުކޮށްދޭނެ ވަކީލެއް ލިބުނީ ދައުލަތުގައި އެދިގެން ދައުލަތުން ހަމަޖައްސައިދިން ބައެއް ކަމަށެވެ. ނަމަވެސް ދައުލަތުން ހަމަޖައްސައިދިން ވަކީލުންގެ ފަރާތުން އެއްބާރުލުން ނުލިބުމާއި އޭނާއާ ބައްދަލުކުރަން ޖަލަށް ނުދާ މައްސަލަ ސަމާހު ފާހަގަކުރިއެވެ.
ސަމާހު ބުނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލް ޖައުފަރު ރަޝީދު ހަމަޖައްސާފައި ވިޔަސް، އޭނާއާ ބައްދަލު ކުރަން ވަކީލް ޖަލަށް އައީ އެންމެ ދެ ފަހަރު ކަމަށެވެ.
އެކަމާ ގުޅިގެން ޖައުފަރު ޝަރީއަތުގައި ވިދާޅުވީ ބައްދަލުވުމަށް ދިމާވާ ގޮންޖެހުމަކީ ކަރެކްޝަންސްގެ ފަރާތުން ލިބެންވާ މިންވަރަށް އެހީތެރިކަން ނުލިބޭތީ ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު ޝަރީއަތުން ނިންމީ ދައުލަތުން ސަމާހަށް ހަމަޖެއްސި ވަކީލު އެ މަސައްކަތުން ދުރު ކުރުމަށެވެ. އަދި ސަމާހްގެ މައްސަލަ ދެން ކުރިއަށް ގެންދެވޭނީ އޭނާއަށް ވަކީލަކު ހަމަޖެހުމުން ކަމުގައިވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އާދަމް ހަލީމު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ވަޅި ހަލާދީގެންނެވެ.