ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެއްބަސްވުމުގެ އޭގެ ތެރޭގައި ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމަކާއި ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާއިރު އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ބޮޑުވަޒީރުގެ ނައިބު، އަދި ފޮރިން މިނިސްޓްރީގެ އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިގްތިސޯދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެ ގައުމަށްވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމަށް އެއްބަސްވުމެއްވެފައިވާއިރު އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ޕްރަކް ސޮކޮން ވަނީ ސޮއިކުރައްވާފައެވެެ.

ސިއްހީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސް ދިވެހި ސަރުކާރުން ސޮއިކުރެއްވީ އަހުމަދު ނަސީމެވެ. އަދި ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު މާމް ބުންހެންގްއެވެ. އެ އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ރާއްޖެއަށް ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރުމާއި އެ ދާއިރާއިން މީހުން ތަމްރީންކުރުމާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ދެ ގައުމުގެ ޓޫރިޒަމް މިނިސްޓަރުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމާސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް އިންވެސްޓްމަންޓްތައް ފުޅާކުރުމާއި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާއީ ވިޔަފާރިތަކާއި އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް އިބްރާހިމްއެވެ. ކެމްބޯޑިއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބާ އޮފް ކޮމާސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.