އަންނަ މަހުގެ ހަވަނަ ދުވަހު، މި އަހަރުގެ ޖަލްސާތައް ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު 9 ޖަހާއިރު އޮންނާނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ އެ އިރެއްގައި ރައީސަކަށް ހުންނަވާ ބޭފުޅާގެ ރިޔާސީ ބަޔާނުންނެވެ. އެ ދުވަހު އޮންނާނީ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ވެސް އޮންނާނެއެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް ގައުމުގެ ހާލަތު ބަޔާންކޮށް، ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް ރައީސް މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވަވަން ވާނެއެވެ.

އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެވެ.