2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިން ޖަލްސާއެއް އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އުމަރު ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާން ކުރުމާ ގުޅިގެން ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 3 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ސަލްޓަންޕާކްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފަހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ރާއްޖެ މުޅިން އާމިސްރާބަކަށް ގެންދިއުމަށް އުމަރު ނަސީރާއެކު ކުރިއަށް ދިއުމަށް ވަނީ ގޮވާލައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކަން އިއުލާން ކުރައްވާފައިވާ ވަރަށް ކުރިއާލާ އުމަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވާފައިވާއިރު އޭނާ އަންނަނީ ވެރިކަން ލިބިއްޖެ ނަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ގިނަ ވައުދުތަކެއްވެސް އަންނަނީ ވަމުންނެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު ނަސީރުގެ އިތުރުން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ.

މީގެ އިތުރުން މިހާރު ވެރިކަން ކުރަމުން ދާ މައި ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެނގިގެން ދާއިރު ޖުމްހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ނުކުންނާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.