ރޭގެ ވަގުތެއްގައި ބ އަތޮޅު ކެންދޫ ނެރުގެ ފައިކަށީގައި ޖެހި ދޯންޏެއް އަޑިއަށް އެބަދެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުލްރަހްމާން "ދަ ޕްރެސް" އަށް ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ "އަމަން" ނަމަކަށް ކިޔާ މުދާއުފުލާ ދޯނި އެރަށު ނެރުގެ ފައިކަށިމައްޗަށް އުރިފައި ވަނީ ރޭގެ 10:00 ޖަހާކަންހާއިރު ކަމަށެވެ.

މި ދޯންޏަކީ ބަރު މުދާ ކަމުގައިވާ ހިލަ، ހިލަވެލީގެ އިތުރުން ސިމެންތި ބަރުކޮށްގެން ދަތުރު ކޮށްފައި ވާ ދޯންޏެއް ކަމާއި ދޯނީގެ ބަނޑުފިލާގަނޑު ހަލާކުވެ ދޯނި ދިޔަވެ މުޅި ދޯނި އެއްކޮށް އަޑިއަށް ދާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި މީހުންތިބި ކަމަށާއި އެކަކަށްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

އަދި އެއްވެސް ގެއްލުމެއް ރަށުގެ ނެރައް ލިބިފައި ނުވާކަމަށާއި ދޯނި ފުންކުރުމުގައި ކޯސްޓްގާޑުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބެމުން ދާކަމަށް ވެސް ބުނެފައި ވެއެވެ. މި ހާދިސާގައި ގެއްލުން ލިބުނު މުދާ އެއްގަމަށް ނެގިފައި ވީ ނަމަވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖެ އަކީ 99 އިންސައްތަ ކަނޑުހިމެނޭ ގައުމަކަށް ވާއިރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާ އެކި މީހުންގެ ހަރުމުދަލަށާއި މީހުންގެ ފުރާނައަށް ނުރައްކާވާ ހާދިސާތައް ވަނީ ފަހަކަށް އައިސް އިތުރުވައެވެ.