ނޭވާލްގެ ވެރިރަށް ކަތަމަންޑޫއިން ފުރައިގެން އެ ގައުމުގެ ހުޅަނގު ބިތުގައި، ވެރިރަށާ 200 ކިލޯމީޓަރު ދުރުގައި އޮތް ފަތުރުވެރި މަންޒިލަކަށް ދަތުރު ކުރި ބޯޓެއް ވެއްޓިއްޖެއެވެ.

72 ދެމީހުން ގޮވައިގެން ދަތުރު ކުރި މި ބޯޓު ވެއްޓި މިހާތަނަށް 40 މީހެއްގެ މަރުވެފައި ވާ ހަށިގަނޑު ފެނިފައި ވާ އިރު އެ ބޯޓަކީ ދެއިންޖީނު އެޅި އޭޓީއާރު 72 މަރުކާގެ ބޯޓެކެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ތުއްތު 2 ކުދިންނާއި 4 ކްރީއިންގެ އިތުރުން ބޭރުގެ 10 މީހުންގެ އިތުރުން ދެން ތިބީ ނޭޕާލްގެ ރައްޔިތުންނެވެ. ބޭރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 5 މީހަކާއި ރަޝިއާގެ 4 މީހަކާއި ކޮރެއާގެ 2 މީހެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓު ވެއްޓުނު ތަނުން ބޯ ކަޅު ދުން އަރާ ކަމަށާއި އިތުރު މީހުން މަރުވެފައި ވެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓު ވެއްޓުނު މަންޒަރު ވީޑިއޯ ކުރި ފަރާތަކުން ސޯޝަލްމީޑިއާގައި އާންމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ބޯޓު ހުރި ސީދަލަށް ޑައިވް ކުރުމުގެ ކުރިން އުދުހެމުން ދިޔައީ ވަރަށް ތިރިންނެވެ. އަދި ބޯޓު ވެއްޓިފައި އޮތް ސަރަހައްދުން ނަގާފައި ވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓު އޮތީ އެކަށް ކުދިކުދިވެފައެވެ.

ނޭޕާލަކީ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާތައް ގިނަ ގައުމެކެވެ. މީގެ ކުރިން ހިނގި މިފަދަ އެތައް ހާދިސާއެއްގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ހިނގި ހާދިސާއެއްގައި 22 މީހުން، 2018 ވަނަ އަހަރު 51 މީހުން މަރުވެފައި ވެއެވެ.

2019 ގައި ކުޑަ ބޯޓެއް އުދުއްސާލިތަނުން ފަރުބަދައެއްގައި ޖެހި 3 މީހަކު މަރުވެ 4 މީހަކު ޒަހަމްވެފައި ވެއެވެ. 2016 ގައި ދެ އިންޖީނުލި ކުޑަ ބޯޓެއް ވެއްޓި 23 މީހަކު މަރުވިއެވެ. 2014 ގައި 14 މީހުން، 2012 ގެ ސެމްޓެމްބަރުގައި 19 މީހުން، މެއި މަހު 15 މީހުން، 2011 ވަނަ އަހަރު 19 މީހުން، 2010 ގައި 22 މީހަކު، މަތިންދާބޯޓުތައް އެކްސިޑެންޓް ވުމުގެ ހާދިސާތަކުގައި މަރިވެފައި ވެއެވެ.

މިއަދު ހިނގި މިހާދިސާގައި އެއްވެސް މީހަކު ދިރިހުރެދާނެ ކަމުގެ އުއްމީދެއް ނެތް އިރު ހާދިސާގެ ތަހުގީގު އޮފިޝަލުން ވަނީ ފަށާފައެވެ.