މިފެށުނު އާ އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 142 ޖެޓް އައި ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްް ކޮމްޕެނީ (އެމްއޭސީއެލް) އިން "ދަ ޕްރެސް" އާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު މި ހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 142 ޖެޓް ވީއައިއޭގައި ޖެއްސި ކަމަށާއި މިއީ އާ އަހަރަކާ އެއްކޮށް ލިބުނު ބޮޑު ކުރި އެރުމަށް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި އާއަހަރުގެ ޗުއްޓީ އާ ދިމާކޮށް ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުުރުވެގެން ދެއެވެ. އެގޮތުން ނިމިދިޔަ 2022 ވަނަ އަހަރަކީ ވެސް ރެކޯޑް މިންވަރަކަށް ޖެޓް ބަނދަރުކުރި އަހަރަކަށް ވާއިރު 2675 ޕްރައިވެޓް ޖެޓް އެއަހަރު ޖައްސާފައި ވެއެވެ.

ފާއިތުވި އަހަރު ޖެނުއަރީގައި ޖުމްލަ ގޮތެއްގައި 522 ޖެޓް ޖައްސާފައި ވާއިރު ޑިސެމްބަރު މަހު 324 ޕްރައިވެޓް ޖައްސާފައި ވާކްމަށް އެމްއޭސީއެލް އިން ބުނެއެވެ.

ކޮވިޑަށް ފަހު އިގްތިސާދު ހަމަޔަކަށް އެޅެމުން އަންނަ މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު މިއަހަރު 12.3 އިންސައްތައަށް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށާއި ތަރައްގީ ކުރުމަށް ގިނަ ގުނަ މަސައްކަތް ތަކެއްކޮށް ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.