އިނގިރޭސި އަދި އީރާން ރައްޔިތުކަން އޮންނަ، އީރާނުގެ ޑިފެންސް މިނިސްޓަރު ކުރީގެ ޑެޕިއުޓީ އަލިރިޒާ އަކްބަރީ، އިނގިރޭސިވިލާތަށް ޖާސޫސް ކޮށްދިން ކަމުގެ ކުށް ސާބިތުވެގެން ދަންޖައްސާ މަރާލައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން އޭނާ ހައްޔަރު ކޮށްގެން ގެންގުޅުނު އިރު، 3500 ގަޑިއިރު ވާންދެން އަނިޔާ ދިން ކަމަށް އޭނާ މީގެ އަހަރެއްގެ ކުރިން އާންމު ކުރި އޯޑިއޯ ކްލިޕެއްގައި ބުނެއެވެ. އަދި އީރާންގެ ސަރުކާރުން ކުރާ ތުހުމަތަށް އޭނާ އެއްބަސްވީ އަނިޔާއަށް ކެތް ނުކުރެވިގެން އެނޫން ގޮތެއް ނެތިގެން ކަމަށްވެސް ބުނެފައިވެއެވެ.

އަކްބަރީ ދަންޖެއްސި މައްސަލަ، އިނގިރޭސިވިލާރާއި އެމެރިކާއިން ކުށްވެރި ކޮށްފައި ވާ އިރު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީން ވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ. މީގެ ކުރިން ކުށް ސާބިތުގެ އުމުރަށް ޖަލަށް ލައިފައި ހުރި އަކްބަރީއަށް މަރުގެ އަދަބު ދޭން އުޅޭކަން އެނގިގެން އެމްނެސްޓީއާއި އިނގިރޭސިވިލާތް އަދި އެމެރިކާއިން، އެކަން އެގޮތަށް ނުކުރަން އީރާނަށް އިންޒާރުވެސް ކުރިއެވެ.

އީރާނުން އޭނާ ދަންޖައްސާ މަރާލި އިރު އާއިލާއަށް އޭނާ އާ ބައްދަލުކުރުމުގެ ފުރުސަތުވެސް ނުދެއެވެ. އާއިލާއިން އޭނާ އާ ބައްދަލުކުރަން އެދުނު އިރު އޭނާ ހުރީ އެކަހެރި ތަނެއްގައި ބަހައްޓާފައި ކަމަށް އާއިލާން ވަނީ ބުނެފައެވެ.

އަކްބަރީ އާ ގުޅޭ ގޮތުން އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ އޭނާ އަކީ އީރާނުގެ އިންޓެލިޖަންސް މައުލޫމާތު ލީކް ކުރުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށާއި އޭނާއަކީ އީރާނުގައި އިނގިރޭސީން އޮޕަރޭޓް ކުރާ އިންޓަލިޖެންސް ސާވިސް އަށް މަދަދުދޭ އެންމެ މުހިންމު އެކަކު ކަމަށެވެ.