ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮތުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އަނެއްކޮޅުން ވާދަކުރައްވަނީ ޕާޓީގެ ވެސް ރައީސް ނަޝީދެވެ. ދެ ބޭފުޅުން ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ވެސް ދަނީ ރައްދުކުރައްވަމުންނެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ތ. ތިމަރަފުއްޓަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ އަޣުލަބިއްޔަތު ރައީސަށް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އަލިއަޅުވާލައްވައި ނަޝީދު ވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ސަރުކާރުން މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރާތީ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ތުހުމަތުކުތައްވާ ގޮތުގައި ސަރުކާރުން ރަށްރަށުގައި ހިންގާ އުމްރާނީ ބިނާތަކުގެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ނެތް ކުންފުނިތައް ވެސް އެބަހުއްޓެވެ.
"މިއިން ރަށެއްގައި މިއިން ކަމެއް ދެން ނުވެސް ހިނގާ، [ނުހިނގާތީ] ކޮންޓްރެކްޓް ބާތިލްކުރެވޭކަށް ވެސް ނޯވޭ، މެންބަރުގެ ކޮންޓްރޯލް ބޭނުންވާތީ އެ ކޮންޓްރޯލް ހޯދުމުގެ ނިޔަތުގައި މި ހުރިހާ ކަމެއް ކުރަން ހަދައިގެން،"
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެރިކަން ކުރެއްވި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، 2023 އަށް އައި އިރު ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، އާންމުންގެ އާމްދަނީ އަކަށް ހެޔޮ ބަދަލެއް ނާދެއެވެ.
މިދިޔަ އޮގަސްޓު މަހު ބޭއްވި ޕްރެސް ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ވެރިކަމުގައި ހުންނަ މީހަކަށް މަޖިލީހުގެ އަޣުލަބިއްޔަތު މުހިންމު ކަމަަށާއި، އެމަނިކުފާނު ހުންނެވީ މަޖިލީހުގެ އަޣުލަބިއްޔަތާއި އެކުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާ އެކީގައި. އެހެންވީމާ، ސަރުކާރު ސްމޫތުކޮށް، ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕެއިން ކުރެއްވުމަށްޓަކައި ރައީސް މިހާރު އައްޑުއަށް ވަޑައިގެންފައިވާއިރު، ނަޝީދު ގެންދަވަނީ ތ. އަތޮޅުގެ ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.