ކ. ރަސްފަރީ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް' ނަމަކަށް ކިޔާ ކާގޯ ބޯޓުގެ ސަބަބުން ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އީޕީއޭއާ އެކު ފަސް އަހަރުގެ ބޮޑު މަޝްރޫއެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

އީޕީއޭއިން އިން ބުނީ، ރަސްފަރި ފަރު އިއާދަކުރުމަށްޓަކައި ކުރިއަށް ގެންދާ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހު 26 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފަރު އިއާދަކުރުމަށްޓަކައި ބޭނުންވާ ފަންޑު ދޭން ފަރަށް އެރި ބޯޓުގެ ވެރި ފަރާތުން އެއްބަސްވެފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

ފަރު އިއާދަކުރުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް

  • ނާސަރީތައް ހެދުމާއި މުރަކައިގެ ފްރެގްމަންޓްސް ހޯދާނެ ތަންތަން ދެނެގަތުން
  • ނާސަރީތައް މޮނިޓާކުރުމާއި ބެލެހެއްޓުން
  • ނާސަރީތަކުގައި އާލާކުރާ މުރަކަ ރަސްފަރި ފަރުގައި އިންދުން
  • ފަރުގައި އެ މުރަކަތައް އިންދާނެ ތަންތަން ދެނެގަތުން
  • ފަރުގައި އިންދާ މުރަކަތައް ބެލެހެއްޓުން
  • ދަތުރުފަތުރުފަދަ ލޮޖިސްޓިކްސްގެ ކަންކަމުގައި އެހީތެރިވުން
  • މުރަކަ އިންދުމާއި މެނޭޖުކުރުމުގެ މަސައްކަތަށް ފަންނީ ލަފާދިނުން

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގައެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވަނީ މަރުވެފައެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭގެ ސާވޭއަށް ފަހު އެންގި އެވެ. އެކަމަކު ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކައިފައެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ހަރަދު ކުރުމަށް ޝަރުތުކޮށް ދައުލަތަށް ފައިސާ ހޯދުނު މިއީ ފުރަތަމަ ފަހަރު ވެސް މެއެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.