ހުޅުމާލޭ ފަރަށް ގެއްލުންދީ ފަރުގެ ބައެއް ހަލާކުކޮށްލައި ގާތަށް ނެގި މައްސަލަ ބަލަން ފަށައިފިއެވެ.

ހުޅުމާލެގެ ފަރަށް ބަޔަކު ގެއްލުން ދީފައި މިވާ ސަރަހައްދަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތު ގޮނޑުދޮށް ސަރަހައްދުގެ ބޭރު ފަރުމައްޗެވެ. އެއީ ގިނަ އަދަދެއްގެ ގެސްޓް ހައުސް ވެސް ހިމެނޭ އަދި ރީތި މޫދަކާއިގޮނޑުދޮށެއް ވެސް އޮތް ސަރަހައްދެކެވެ.

އިއްްޔެ އިރުއިއްސެން ގާތްވެފައިވާ ވަގުތު އެ ސަރަހައްދު ފަރުމަތި އެއްކޮށް ހިކިފައި އޮއްވާ ފަރު މައްޗަށް އެކި އލާތްތަކާއެކު އަރައި ފަރުމަތީގައި ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ. އެ ވީޑިއޯގައި އެ ފަރުމަތިން ގާތައް ވަކިކޮށް ދުރަށް ޖައްސާ މަންޒަރުވެސް ފެނެއެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާ ދެމުން ބުނީ މި މައްސަލަ އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިްހާރު ބަލަމުންދާ ކަމަށް އެ ފަރާތުން ބުނެއެވެ.

މި ކަމާ ގުޅިގެން ބައެއް މަސްދަރުތަުގައި ބުނެފައިވާ ގޮތުގައި އެ ފަރުމައްޗަށް އަރައިގެން އުޅުނު 6 އެއްކަ މީހުންނަކީ އެ ސަރަހައްދުގައި ވޯޓާ ސްޕޯޓްސް ހިންގާ މީހުން ކަމަށެވެ. އެ ގޮތުން ޖެޓްސް ސްކީ ފަދަ ވޯތާ ސްޕޯޓްސްގެ އުޅަނދުތައް މިހާރު ފަރު ހެދެމުން އަންނަ ގޮތުން ބޭރަށް ނުދެވޭތީ އެ ސަރަހއްދުން ފަރު ހަލާކުކޮށް ލައި އެމީޙުން އެ މަސައްކަތް ކުރަނީ ބޭރަށް ނިކުމެވޭ ގޮތަށް މަގެއް ހެދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ފަރަށް ގެއްލުންދޭ މި މައްސލަަ ފެންަތިވެފައިވާ އިރު، އެޗްޑީސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލެ ފޭސް 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑު އުޅަނދުތަކަށް ނުވަދެވޭ ގޮތް ހަދާފައެވެ. އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ޗެނަލް ޕާކް ބަންދުކޮށް އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން މޫދަށް އެރެން ބޭނުން ކުރާ ސަރަހައްދެއް ކަމަށާއި އެތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ތަނެއް ކަމަށް ވާޓީ އެ ތަން ބަންދުކޮށްފައިވާ ކަމަށެވެ.