ފަރަކަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ޖޫރިމަނާކޮށްފައި ވަނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ލޯކަލް އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީގެ "އެމް.ވައި ބިގް ފިޝް" ނަމަކަށް ކިޔާ ލަގްޒަރީ ޔޮޓެކެވެ.
އެ ޔޮޓު އދ. އަތޮޅުގެ RF1329 ފަރަށް އަރާފައި ވަނީ މިއަހަރުގެ އޭޕްރީލް 28 ގައެވެ. ޖެހިގެން އައި ދުވަހު ޔޮޓު ފަރުމަތިން ނަގާފައިވާއިރު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ޖޮއިންޓް ސާވޭއެއް ހަދާ، މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހު އެވެ.
އަދި އެ ސަރަހައްދު ބެލިއިރު ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ޔޮޓުގެ ވެރިފަރާތް 4.8 މިލިއަން ރުފިޔާ އިން މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށްފައިވާއިރު، އެ ފައިސާ 30 ދުވަސް ތެރޭ އީޕީއޭއަށް ދައްކަން ވަނީ އަންގައިފަ އެވެ.
މިފަދައިން ފަރަށް ލިބޭ ގެއްލުމުގެ ބަދަލުތައް އީޕީއޭއިން މީގެ ކުރިން ވެސް ހޯދާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ވަނީ ހުޅުމާލޭގެ ފަރަށް އެރި ދެ އުޅަނދެއްގެ 29 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެ ދެއުޅަނދު ހުޅުމާލޭގެ އުތުރުފަރާތުން ފަރަށް އަރާފައިވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ހެދި ސާވޭއިން ދައްކާގޮތުން ފަރުގެ 1159 އަކަ މީޓަރުގެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކަށް ރިއާޔަތްކޮށް 29,201,946 ރުފިޔާއިން އެ އުޅަނދުތަކުގެ އޮޕަރޭޓަރު ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ ޖޫރިމަނާކޮށްފައެވެ.
ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ޖޫރިމަނާ ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ނަމަވެސް އޭގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އޭގެ ތެރެއިންމަދު މިންވަރެކެވެ.