މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ގެންނަވާފައިވަނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެމަނިކުފާނު ކަމަށެވެ. މީގެއިތުރުން އީޕީއޭގެ ނަންވެސް ވަނީ އެންވާރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކުރައްވާފައެވެ.
އަދި މި ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކަކަށް ވުމާއެކު، އެ އިދާރާއިން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ހަލުވިކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އީޕީއޭގެ ނަން ބަދަލުކޮށްފައިވަނީ އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ދޭތެރެއިން އީޕީއޭ އުވާލަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެންވާރަމެންޓު މިނިސްޓްރީން ވަނީ އެއީ ދޮގު މައުލޫމާތު ތަކެއް ކަމަށާއި، އީޕީއޭ އުވާލަނީ ނޫން ކަމަށާއި އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބަދަލު ގެންނަން ނިންމީ ކަމަށް ބުނެފައެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން އީޕީއޭ މެދުވެރިކޮށް ހަދަން ޖެހޭ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް ގެނައި އިސްލާހުގައި ވާގޮތުން ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، ލަސްކަމެއް ނެތި ނިންމަން ޖެހޭނެއެވެ. އަދި އެ ބަދަލަށް އަމަލުކުރާނީ މި އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ނުވަތަ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެކަނި ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.