ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ މާދަމާ އާއި އަންނަ އަންގާރަ ދުވަހު ހުޅުލޭ ގެ ބައެއް މަގުތަކާއި ފަޅުން ބައެއް ބަންދު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ހުޅުލޭ މަގައި ފަޅުން ބައެއް ބަންދުކުރަން ނިންމާފައި ވަނީ މާދަމާގެ ހެނދުނު 9 އިން 11 އަށް ކަމަށާއި އަދި އަންގާރަ ދުވަހުގެ ހެންދުނު 7:30 އިން 8:30 އަށް ކަމަށެވެ. އެ ވަގުތުތަކުގައި އެ ކުންފުނިގެ ސްޓާފް ބަސް އަދި އެމްޓީސީސީގެ ބަސް ހުއްޓާނީ ވެސްޓަން ޕާކިން ސަރަހައްދުގެ ބަންދަރަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އެ ވަގުތުތަކުގައި ހުޅުލޭ ފަޅަށް ވަދެ ނިކުމެވޭނީ ދެކުނު ނެރުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި ބަންދުކުރަން ކަނޑައަޅާފައިވާ ވަގުތުތަކުގެ އެއް ގަޑި އިރު ކުރިން ފެށިގެން ކާގޯ ޓާމިނަލާ ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާ ދިމާލުގައިވާ ނެރުން އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

ބަންދުކުރަން ނިންމާފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓް

މީގެ އިތުރުން އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ އުތުރު ކަންމައްޗާ ދެމެދު ބަނދަރު މަގު މިއަޑައި އަންގާރަ ދުވަހު ބަންދު ކުރަން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބަންދު ކުރާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ. އެވަގުތުތަކުގައި އެ ސަރަހައްދުން ހިނގާފައިދާ ފަރާތްތަކުން ވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދަށް ތަބާ ވުމަށް އެމްއޭސީއޭލުން އިލްތިމާސް ކުރެއެވެ.

އަދި މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލުން ވަނީ ބަންދު ކުރެވޭ ސަރަހައްދު ވަކިން ފާހަގަ ކުރެވޭ ގޮތަށް ޗާޓެއް އާންމު ކޮށްފައެވެ. އެ ޗާތުގައި ރަތް ކުލައިން ފާހަގަކޮށްފަިއވާ ސަރަހައްދަކީ އެ ދެ ދުވަހު ބަންދު ކުރަން ނިންމާފައިވާ ސަރަހައްދެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 17 އަށެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި ކެމްބޯޑިއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.