ބީއެމްއެލްއިން ކިޔަވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 5 ޕަސަންޓަށް ކުޑަކުރަން ނިންމާ އެކަން މިރޭ އިއުލާން ކޮށްފިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޗެއާޕާސަން ޔޫޝައު ސައީދު ވަނީ ބޭންކުން ދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު ގެނައުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މިގޮތުން ބޭންކުން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ނިންމާފައި ވާކަން ވަނީ ހާމަކުރައްވާފައެވެ. ​

ޔޫޝައު ވިދާޅުވީ، ބީއެމްއެލް ކިޔަވާ ލޯނަކީ ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.

މިގޮތުން ފެބްރުވަރީ 1 އިން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް 9 ޕަސެންޓުން 5 ޕަސަންޓަށް ދަށްކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މި ބަދަލާއެކު، ކުރިން ނަގާފައިވާ، ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓް ވެސް، 5 ޕަސަންޓަށް ބަދަލުވެގެން ދާނެ ކަމަށް ޔޫޝައު ފާހަގަ ކުރެއްވިއެވެ.

ޔޫޝައު ވަނީ، ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައިވެސް، ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ބޭންކުން އެޅި ފިޔަވަޅުތަކާއެކު ދިވެހި އިގްތިސާދު ނެގެހެއްޓުމަށްޓަކައި ބޭންކުން އަދާކޮށްދިން މުހިންމު ދައުރު ހާމަކުރައްވާފައެވެ.

ބޭންކުން މިހާލަތުގައި އެންމެ އިސްކަމެއް ދިނީ އަސާސި ބޭންކިން ހިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމާއި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ސަރުކާރާ ގުޅިގެން ރާއްޖޭން ބޭރުގެ އިދާރާތަކުން ފަންޑިން ހޯދުމަށް ކަމަށް ޔޫޝައު ފާހަގަ ކުރެއްވިއެވެ.