ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3، ސަރަހައްދަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ ޕްލޭންތަކެއް ކުރިއަށް ގެންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ރުއްގަނޑު 3ގެ ބީޗް ސަރަހައްދުގައި ކެފޭތަކާއި، އިށީނދެތިބުމުގެ އިންތިޒާމްތަކާއި، އެހެނިހެން އެކިއެކި ވަސީލަތްތަކާއެކު، އެ ސަރަޙައްދަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

އެގޮތުން އެ ސަރަހައްދު ޑިޒައިން ކޮށްފައިވާ ގޮތް އެޗްޑީސީން ވަނީ ހިއްސާކޮށްފައެވެ. އެ ސަރަހއްދުގައި އިވެންޓްތައް ބޭއްވުމަށް ދެ ހުސްބިމެއް ކަނޑައަޅާފައިވާ އިރު، ކެފޭ ހިންގުމަށް ވެސް ދެ ސަރަހއްދެއް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު 2 ކިއޮސްކާއި ވޯޓާ ސްޕޯޓްސް ހަޓަކާއި އާނމުންނަށް ބޭނުން ކުރެވޭ ފާހާނާއެއް ވެސް ހދަން ވަނީ ނިންމާފައެވެ.

ހުޅުމާލެ ރުއްގަނޑު 3 ތަރައްގީ ކުރާ ޕްލޭން / ފޮޓޯ: އެޗްޑީސީ

މި ބަދަލުތައް ގެންނަ އިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރު ސަރަހައްދެއްގައި ވެސް ވޯޓާ ސްޕޯޓްސް ހަޓެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. މި ޕްލޭންގެ އިތުރު ތަފްސީލް އަދި ހާމަ ކުރަމުން ދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އެއްފަހަރާ ބޮޑު އާބާދީއެއް ދިރިއުޅެން ފަށާފައިވާ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ޒަރޫރީ ބޭނުންތަކަށާއި ހިތް ހަމަޖައްސާލުމަށާއި އަދި މުނިފޫހިފިލުވުމަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ގިނަ އާބާދީއެއް އޮތް ސަރަހައްދު ކަމަށްވާ ހިޔާ ސަރަހައްދުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެނެގަނެގެން އެ ސަރަހއްދުގައި ވެސް ފިހާރަތަކާއި ޕްރިންޓިން ހިދުމަތްދޭ ތަންތަނާއި ބޭސް ފިހާރަ ފަދަ ތަންތަން އަންނަނީ ތަރައްގީ ކުރަމުންނެވެ.