ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ޓައިޓޭނިކް" އެލުން ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

4ކޭ 3ޑީ އަށް މާސްޓަރިން ހެދުމަށްފަހު ޒަމާނާ އެއްގޮތަށް ފިލްމު ފެއްތުމަށް ފަހު ސިނަމާތަކުގައި އަންނަ މަހު ފިލްމު އެޅުވުމަށް ވަނީ ނިންމާފައެވެ. 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓައިޓޭނިކް" އަށް 2.202 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ފިލްމު ވެފައި ވަނީ ބޮކްސް އޮފީހުގައި ވެސް އެންމެ ގިނަ އާމްދަނީ ލިބުނު އެއް ފިލްމަށެވެ.

ޓައިޓޭނިކް އަކީ 1912 ވަނަ އަހަރު ބޮޑު ކްރޫޒް ލައިނާއެއް އޭގެ ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހިގެން ބޯޓު ބިނދައިގެން ގޮސް އެޓްލާންޓިކް ކަނޑަށް ފެތުނު ހާދިސާއަށް ބިނާކޮށް ގެނެސްދީފައިވާ ރީތި ފިލްމެކެވެ. ލޯބީގެ އަސަރުގަދަ ހިޔާލީ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޖޭމްސް ކެމެރޮންއެވެ.

1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ، ގަނޑުފެންގަނޑެއްގައި ޖެހި އުތުރު އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ދިޔަ ޓައިޓޭނިކަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ނުފެތޭނެ ބޯޓެކެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ ހީނުކުރާ ގޮތަށެވެ. ބިރުވެރި އަދި ނުރައްކާތެރި ހާދިސާގައި ވަނީ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.