ކުރީގެ ކުނިކޮށި ހުރި ސަރަހައްދުގައި ހުންނަ ނީލަން ފިހާރަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ނީލަން ފިހާރައިގައި ރޯވި ދުވަހު އިންޑަސްޓްރިއަލް ވިލެޖަށް އެތަން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއިން ނިންމާ، ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ނީލަން ފިހާރަ ދެން ކުނިކޮށި ސަރަހައްދުގައި ނުހިންގޭނެ ކަމަށެވެ. އަދި އިންޑަސްޓްރިއަށް ވިލެޖަށް ނީލަން ފިހާރަ ބަދަލު ކުރިކަމުގައި ވިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި ނީލަމުގައި ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް އެކަން ކުރަން އޮންނަ އުސޫލުގެ ދަށުން ފުރުސަތުތަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ.

ނީލަން ފިހާރަ އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމީ މީގެ ކުރިން ވެސް ނީލަން ފިހާރައިގައި ގިނަ އަލިފާނުގެ ހާދިސާ ތަކެއް ހިގާފައި ވާތީއެވެ. އަދި މިދިޔަ ހޯމަ ދުވަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކް ވެސް ވަނީ އަދާ ހުލިވެފައެވެ.