މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގެ ނީލަން ފިހާރައިގައި ރޯވި ހާދިސާއާ ގުޅިގެން 166 ބިދޭސީއަކު ހާލުގައި ޖެހިފައި ވާ ކަމަށް ސިޓީކައުންސިލުން ބުނެއެވެ.
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާފައެވެ.
ސިޓީ ކައުންސިލުން ބުނީ، އެ ތަނުގައި ދިރިއުޅެމުން އައީ ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކަކު ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބިދޭސީ މުވައްޒަފުން ހާލުގައި ޖެހުމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހި ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ފެނިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުއްލި ގޮތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ޖެހެނީ ގިނަ ބަޔަކަށް ކަމަށް ވާތީ އެފަދަ އިންތިޒާމެއް ކައުންސިލަށް ހަމަޖައްސައިދޭން ދަތިތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީންް ސްކޫލުގައެވެ. މި ހާދިސާ އާ ގުޅިގެން އިއްޒުއްދީން ސުކޫލު އަދި އިމާދުއްދީން ސުކޫލުގެ ކިޔެވުން މިއަދު ވަނީ ކެންސަލް ކޮށްފައެވެ.