މިއަދު ފަތިހު މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކްވެސް އަނދައިފިއެވެ.

އެއީ 200 ވަރަކަށް ސްޓާފުން ތިބޭ އެކޮމަޑޭޝަން ބްލޮކަކަށް ވާއިރު އެތާ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ނީލަން ފިހާރައިގައި ރޯވި އިރު، އެ އެކޮމަޑޭޝަން ބްލޮކްގައި މީހުން ތިއްބެއެވެ. ނަމަވެސް އެ އެންމެންވެސް ވަނީ ލައިގެން ހުރި އަންނައުނާއި ހިފާގެންގުޅޭ ތަކެތީގެ ތެރެއިން އަތުޖެހުނު އެއްޗެއްސާއި އަންބޮނޑި ހިފައިގެން ނުވަތަ އަންނައުނުކޮޅު އަޅައިގެން ގެންގުޅޭ ފޮތިގަނޑަށް އެތިކޮޅު އަޅާލައިގެން ނުކުމެފައެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމަޑޭޝަންގައި ރޯވެ އަނދަނީ ---
ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމަޑޭޝަންގައި ރޯވެ އަނދާފައި ---

މިހާރު ވަގުތީ ގޮތުން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި ތިބި ސިޓީ ކައުންސިލްގެ ސްޓާފުންނާ "ދަ ޕްރެސް" ގެ ނޫސްވެރިން ސުވާލު ކުރުމުން އޭގެ ތެރެއިން ބައެއް މީހުން ބުނީ، އަލިފާން ރޯވިކަން އެނގުމާއެކު ހުރި ގޮތަށް ނުކުތީ ކަމަށެވެ.

"އެންމެންވެސް ސަލާމަތުން ނުކުތް، ނިދާ އެއްޗެއްސާއި ލާރިކޮޅާ، ބައެއް އެއްޗެހި ދޫކޮށްލީ، އަތުޖެހުނު އެތިކޮޅު ހިފައިގެން އައިސް މިތިބީ"
ސިޓީ ކައުންސިލްގެ މުވައްޒަފެއް

އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި ތިބި މީހުން އިތުރަށް ބުނީ، އެތާނގައި 200 އެއްހާ މީހުން ތިބި ކަމަށާއި، ސިޓީ ކައުންސިލްގެ އިސްވެރިން އެމީހުންނާ ބައްދަލުކޮށްފައި ވާ ކަަމަށެވެ. ނަމަވެސް އަދި ހަމަޖެހޭ ވަގުތީ ހިޔަލެއް ނޭނގޭ ކަމަށާއި އެމްއެންޑީއެފްއާއި ފުލުހުން އެމީހުންނާ ސުވާލުކޮށް މައުލޫމާތު ނަގަމުން ދާ ކަމަށެވެ.

ފުލުހުންނާއި ސިފައިން އެތާނގައި ހަރަކާތްތެރިވާތަން "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމަޑޭޝަންގައި ރޯވެ އެނދުމުން އިމާދުއްދީނަށް ގެންގޮސްފައި ތިބި ބައެއް މީހުން / ފޮޓޯ: ދަ ޕްރެސް

އާންމުންގެ ފަރާތުން އެނގުނު ގޮތުގައި ނީލަން ފިހާރައިގައި އަލިފާން ރޯވީ ފަތިހު 5:30 ހާ އިރުއެވެ. ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފް އިން ބުނެފައި ވަނީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ 5:45 ހާއިރު ކަމަށެވެ.

ފަސޭހައިން އަލިފާން ހިފާ ޒާތުގެ ހިކި ލަކުޑިއާއި ލަކުޑިން ހަދާފައި ހުންނަ ހިފާގެންގުޅޭ ތައްކެއްޗާއި، ދޮރުފަތާއި، ދޮރުކަންޏާއި، ބެރިފަދަ ތަކެތި ގިނަ އަދަދަކަށް ހުރި ނީލަން ފިހާރަ އަކީ، ފާހާނާ ތަށިން ފެށިގެން ގޮސް ދޮންނަ މެޝިނާއި، ފެން މޯޓަރާއި، ކޫލަރާއި އެހެންވެސް ގޭތެރޭގައި ހިފާ ގެންގުޅޭ ބާ ހުރިހާ ސާމާނެއް ހުންނަ ތަނެކެވެ. ރޯވި އަލިފާންގަނޑުގެ ބޮޑު ކަމުން، މާލެ މަތިން ދުންގަނޑު އަރައިގެން ދިޔަ އިރު، ވައި ހުރި ގޮތުން ދުންގަނޑު ފެތުރެމުން ދިޔައީ، ހުޅަނގު ދެކުނަށެވެ. ނަމަވެސް ނީލަން ފިހާރަ އާ އިންވެގެން ހުންނަ އިމާދުއްދީން ސްކޫލާ ހިސާބުން ގޮސް ޓީ ޖެޓީ އާ ހަމައަށްވެސް ދުމުގެ އަސަރު ހުރިކަން ފާހަގަ ކުރެވުނެވެ.

ނީލަން ފިހާރައިގެ އަލިފާނުގެ ސަބަބުން އިމާދުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.