މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގެ ނީލަން ފިހާރައިގައި ރޯވި ހާދިސާއާ ގުޅިގެން މާލޭގެ ދެ ސްކޫލެއްގެ ހެނދުނު ދަންފަޅި ބަންދުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޒުއްދީން ސުކޫލު އަދި އިމާދުއްދީން ސުކޫލުގެ ހެނދު ސެޝަން ކެންސަލް ކޮށްފައި ވާ ކަމަށާއި މި ކަމާ ގުޅިގެން ސުކޫލްތަކުގެ ސެޝަންތަކަށް އަންނަ ބަދަލުތައް ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައެވެ. އަދި ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން ވަނީ އަންގާފައެވެ.
މިއަދު ފަތިހު މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ކޮންޓުރޯލު ކޮށްފައި ވާއިރު އެތަނާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކްވެސް ވަނީ އެއްކޮށް އަނދާފައެވެ.
އެއީ 200 ވަރަކަށް ސްޓާފުން ތިބޭ އެކޮމަޑޭޝަން ބްލޮކަކަށް ވާއިރު އެތާ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ނީލަން ފިހާރައިގައި ރޯވި އިރު، އެ އެކޮމަޑޭޝަން ބްލޮކްގައި މީހުން ތިއްބެއެވެ. ނަމަވެސް އެ އެންމެންވެސް ވަނީ ލައިގެން ހުރި އަންނައުނާއި ހިފާގެންގުޅޭ ތަކެތީގެ ތެރެއިން އަތުޖެހުނު އެއްޗެއްސާއި އަންބޮނޑި ހިފައިގެން ނުވަތަ އަންނައުނުކޮޅު އަޅައިގެން ގެންގުޅޭ ފޮތިގަނޑަށް އެތިކޮޅު އަޅާލައިގެން ނުކުމެފައެވެ.
މިހާރު ވަގުތީ ގޮތުން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި ތިބި ސިޓީ ކައުންސިލްގެ ސްޓާފުންނާ "ދަ ޕްރެސް" ގެ ނޫސްވެރިން ސުވާލު ކުރުމުން އޭގެ ތެރެއިން ބައެއް މީހުން ބުނީ، އަލިފާން ރޯވިކަން އެނގުމާއެކު ހުރި ގޮތަށް ނުކުތީ ކަމަށެވެ.
އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި ތިބި މީހުން އިތުރަށް ބުނީ، އެތާނގައި 200 އެއްހާ މީހުން ތިބި ކަމަށާއި، ސިޓީ ކައުންސިލްގެ އިސްވެރިން އެމީހުންނާ ބައްދަލުކޮށްފައި ވާ ކަަމަށެވެ. ނަމަވެސް އަދި ހަމަޖެހޭ ވަގުތީ ހިޔަލެއް ނޭނގޭ ކަމަށާއި އެމްއެންޑީއެފްއާއި ފުލުހުން އެމީހުންނާ ސުވާލުކޮށް މައުލޫމާތު ނަގަމުން ދާ ކަމަށެވެ.
އާންމުންގެ ފަރާތުން އެނގުނު ގޮތުގައި ނީލަން ފިހާރައިގައި އަލިފާން ރޯވީ ފަތިހު 5:30 ހާ އިރުއެވެ. ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފް އިން ބުނެފައި ވަނީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ 5:45 ހާއިރު ކަމަށެވެ.