ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް، ސީއީއޯ ކާލް ސްޓުމްކާ މިއަދު އައްޔަން ކޮށްފިއެވެ

މިދިޔަ އޮކްޓޯބަރު މަހު ބީއެމްއެލްގެ ސީއީއޯ ކަމާ ހަވާލުވި ކާލް ސްޓުމްކާ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައި ވަނީ މިއަދު ބޭއްވި ހާއްސަގޮތުން ކުރި އާންމު ޖަލްސާގައި ކަމަށް، ބޭންކުން ބުންޏެވެ.

އެކި ގައުމުތަކުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގެ ބޯޑު ލެވަލް އަދި އެގްޒެކެޓިވްގައި 36 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ކާލް ސްޓުމްކާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުން ހިންގާ އޮޕަރޭޝަން ތަކުގެ ސީއީއޯގެ ގޮތުގައެވެ.

2010 ގައި އަހްލީ ބޭންކާ ގުޅިވަޑައިގަތް ކާލް ވަނީ އެ ބޭންކުގެ އިންޓަނޭޝަނަލް ޖެނެރަލް މެނޭޖަރު ކަން ކުރެއްވުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި އެ ބޭންކުގެ ކޯޕަރޭޓް ކަންކަން ބަލަހައްޓަވައިފައެވެ. އެއަށްފަހު އެ ބޭންކުން ޔޫއޭއީގައި ހިންގާ އޮޕަރޭޝަންތަކުގެ ސީއީއޯ ކަމާ 2017 ގައި ވަނީ ހަވާލުވެވަޑައިގެންފައެެވެ.

އޭގެ ކުރިން ކާލް ވަނީ، ބަހްރައިންގެ ބޭންކު މަސްކަޓް އިންޓަނޭޝަނަލްސްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރު ކަމާއި، ބާކްލޭސް ބޭންކް އޮފް މޮރިޝަސްގެ އިންޑިއާ ކަނޑުގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވައިފައެވެ.