މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ލިބިވަޑައިގެންނެވި ކާމިޔާބީ ގަބޫލު ނުކުރާ ކަމަށް ބުނެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައި ވަނިކޮށް 1500 މީހަކު ހައްޔަރު ކޮށްފިއެވެ.
ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ ރިޔާސީ ގަނޑުވަރާއި، ސްޕްރީމް ކޯޓާއި ގާނޫނުހަދާ މަޖިލީހުގެ އިދާރާގެ އިތުރުން ސަރުކާރުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ދީ، އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް ނެގުމަށް ގޮވާލައި އަސްކަރިއްޔާގެ ކުރިމަތީގައި ކޭމްޕް ޖަހާފައެވެ.
ގާތްގަނޑަކަށް 3000 އެއްހާ މީހުން ބައިވެރިވި މި ހަރަކާތް ހުއްޓުވީ، ސަލާމަތީ ބާރުތަކުން ނުކުމެ ބާރުގެ ބޭނުންކޮށްގެނެވެ. މިހާރު 1500 އެއްހާ މީހުން ހައްޔަރު ކޮށްފައި ވާއިރު، އެ ހަމަނުޖެހުމުގައި ބައިވެރިވާ އަދި އެ ހަމަނުޖެހުން ރާވާ ހިންގުމައި އުޅުނު މީހުން ހޯދަން ކަމާބެހޭ ފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ.
ލޫލާއާއި ބޮލްސޮނާރޯ ވާދަ ކުރެއްވި އިންތިހާބުން، ލޫލާ މޮޅުވީ 50.8 ޕަސެންޓުންނެވެ. އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުން ކުރިއަށް ގެންދިޔަ އިންތިހާބަށް ފަހު ބަލި ގަބޫލު ނުކުރައްވާ އެތައް ދުވަހަކު ބޮލްސޮނާރޯ ހުންނެވުމަށް ފަހު އިންތިގާލީ މަރުހަލާއަކަށް އެއްބަސްވެވަޑައިގެން ދެން މި އުފެއްދި ހަމަނުޖެހުމަކީ ބަޣާވާތެއް ގެނެސް ވެރިކަން ވައްޓާލުމަށް އޭނާ އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއް ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
ބްރެޒީލްގެ މި ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އެ ހަމަނުޖެހުން ކުށްވެރި ކޮށްފައި ވާ އިރު، މި ޖެނުއަރީ 1 ވަނަ ދުވަހު ހުވާ ކުރެއްވި ލޫލާގެ އޮފީހުންނާއި ސްޕްރީމް ކޯޓު އަދި ރައްޔިތުންގެ މަޖިލީސް ގުޅިގެން ވަނީ ވަރުގަދަ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބަޣާވާތަކަށް ހިތްވަރު ލިބޭ ގޮތަށް ހިންގި ޓެރަރިޒަމްގެ އެ އަމަލު ކުށްވެރި ކުރާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަަޅެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ހުރިހާ ލީޑަރުންވެސް ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ދެމެހެއްޓުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ބޮލްޝޮނާރޯގެ ގިނަ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުން ވޯޓު ވަނީ ވަގަށް ނަގާފައެވެ.