ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ފޭން ޒޯންތަކެއް ތައްޔާރު ކޮށްފައިވާ އިރު، ރޭ ބްރެޒިލް އާއި ސާބިއާ ކުޅުނު މެޗު ބެލުމަށް އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ އެ ސަރަހައްދު ފުރާލިއެވެ.

މެޗު ބަލަން ދިޔަ ސަޕޯޓަރުންގެ ތެރެއިން އެއްބަޔަކު ބިންމަތީގައި އިށީނދެގެން ތިބި އިރު އަނެއް ބަޔަކު ތިބީ އެތަނުގައި ބަހައްޓާފައި ހުރި ބެންޗުތަކުގައި އިށީނދެގެންނެވެ. ދެން ތިބި މީހުން ތިބީ އެ ސަރަހައްދުގައި ކޮޅަށެވެ. މުޅި ސަރަހައްދުގައި މީހުން ތޮއްޖެހި ބާރުވެ ފިތިގެން ތިބި އިރު، އެ މެޗު ބަަލަން ދިޔަ ގިނަ މީހުންނަކީ ބްރެޒިލް އަށް ސަޕޯޓް ކުރި މީހުންކަން ފާހަގަކުރެވުނެވެ. ބައެއް މީހުން ތިބީ ބްރެޒިލްގެ ޖޯޒީ ވެސް ލައިގެންނެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތަކުގެ ތެރެއިން ރޭ ދަންވަރު 12:00 ޖެހި އިރު ކުޅުނު ބްރެޒިލް އާއި ސާބިއާ ގެ މެޗުގެ ނަތީޖާއަށް ބަލާއިރު 2-0 އިން ބްރެޒިލް ވަނީ އެ މެޗު ކާމިޔާބު ކޮށްފައެވެ. އެ މެޗުގައި ބްރެޒިލަށް ދެ ގޯލް ކާމިޔާބު ކޮށް ދީފައި ވަނީ ފޯވަޑަށް ކުޅޭ އެ ޓީމްގެ 9 ނަންބަރު ކުޅުންތެރިޔާ ރިޗާލިސަން އެވެ.

https://www.facebook.com/OoredooMaldives/posts/pfbid0m6Y9mNGr2mjUSZyBZHoD74RnJHEfKQQgnq5FPEXjpZV4sjpR6eFwJ132kDxsR3TGl

9 ނަންބަރަކީ މީގެ ކުރިން ވެސް ބްރެޒިލަށް ކާމިޔާބު ގޯލް ތަކެއް ޖަހައި ދީފައިވާ ކުޅުންތެރިއެއް ކަމަށްވާ ރޮނާލްޑޯގެ ޖޯޒީ ނަންބަރު ވެސް މެއެވެ. ރޭގެ މެޗުގައި ރިޗާލިސަން ޖެހި ދެވަނަ ގޯލަކީ މިހާތަނަށް މި ވޯލްޑްކަޕްގައި ޖެހި އެންމެ މޮޅު ލަނޑު ކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފް އަންނަނީ ބްރެޒިލް ޓީމަށް އޮއްސަމުންނެވެ.

ރާއްޖެއަކީ ފުޓްބޯޅައަށް ސަޕޯޓްކުރާ ގިނަ ބަޔަކު ތިބި ގައުމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލު ޓީމްތަކުގެ ތެރޭގައި ބްރެޒިލް ހިމެނެވެ. މި ވޯލްޑް ކަޕްގައި ބްރެޒިލް ދެވަނަ މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ. ބްރެޒިލް އާއި ސްވިޓްޒަލޭންޑް ބައްދަލު ކުރާ މެޗް ކުޅެނީ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައެވެ.