ހަނގުރާމައިގެ ޖަރީމާ ހިންގެވިކަމަށް ސާބިތުކޮށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރަން ނެރެފައިވާ އަމުރާ ގުޅިގެން ގައުމުން ބޭރަށް ވަޑައިގަތުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވީ ނަމަވެސް ދެން އޮންނަ ޖީ20ގެ ބައްދަލުވުމަށް ބްރޭޒީލަށް ވަޑައިގެން ނަމަވެސް ހައްޔަރު ނުކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ބްރެޒީލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ އަންނަ އަހަރު ބްރެޒީލްގައި ބޭއްވުމަށް ތާވަލު ކޮށްފައި ވާ ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ 20 އިގުތިސޯދު [ޖީ20] ގެ ބައްދަލުވުމަށް ޕުޓިން ވަޑައިގެންނެވި ނަމަވެސް ހައްޔަރު ނުކުރާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަކީ، އެ ކޯޓުގެ މެންބަރުންގެ ގޮތުގައި ހިމެނޭ ކޮންމެ ގައުމަކަށް ތަންފީޒު ކުރުން ލާޒިމު އަމުރެކެވެ. ބްރެޒީލަކީވެސް މެންބަރެކެވެ.

"ބްރެޒީލްގެ ރައީސަކަށް އަހަރެން ހުރިހާ ހިނދަކު ބްރެޒީލަށް އައިސް ގޮސް ވުމުގައި ޕުޓިން އަކަށް ހުރަހެއް ނޯންނާނެ، އޭނާ ހައްޔަރެއް ނުކުރާނަން"
ލޫލާ

އޭނާ އިތުރަށް ވިދާޅުވީ، ޖީ20ގެ ބައްދަލުވުމުގެ ކުރިން ރަޝިއާގައި ބޭއްވުމަށް ތާވަލު ކޮށްފައި ވާ، ބްރެޒީލް، ޗައިނާ، އިންޑިއާ، ދެކުނު އެފްރިކާ އަދި ރަޝިއާ ހިމެނޭ 'ބްރިކްސް' ގެ ބައްދަލުވުމަށް އޭނާ ވަޑައިގަންނަވާނެ ކަމަށާއި ޕުޓިން އާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ޕުޓިން ހައްޔަރު ކުރަން ޖިނާއީ ކޯޓުން އަމުރު ނެރުނީ ޔޫކްރައިން އާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގައި ކުޑަކުދިން މަރާ، ކުޑަކުދިން ރަހީނުކޮށް އެތައް ކުދިންނެއް ވަޒަނުން ބޭރުކޮށްލާފައި ވާ ކަމުގެ ތުހުމަތު ކޮށެވެ. އެ ކޯޓުން އަވަސް އަރުވާލައިގެން ނެރުނު އަމުރުގައި ބުނެފައި ވަނީ، އެފަދަ ޖަރީމާތައް ރަޝިއާ ސިފައިން ލައްވާ ޕުޓިން ހިންގެވި ކަމުގެ ހެކި ހުރި ކަމަށާއި އެހެން ކަމުން އޭނާ ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.

ދާދި ފަހުން ދެކުނު އެފްރިކާގައި ބޭއްވި ބްރިކްސް ސަމިޓަށް ވެސް ޕުޓިން އަށް ވަޑައިނުގެންނެވުނީ އެ އަމުރާހެދިއެވެ. އެފްރިކާ އަކީ އެކޯޓުގެ މެންބަރަކަށް ވާއިރު، ޕުޓިން އެފްރިކާއަށް ގެންދިޔުމަށްޓަކައި، އެގައުމުގެ ގާނޫނު ތަކަށް ބަލަދު ގެންނަން އެގައުމުގެ ރައީސް ސައިރީލް ރަމަޕޯސާ މަސައްކަތް ވެސް ކުރެއްވިއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމާއެކު އެކަން ނުވެ، ޕުޓިން އަށް ވަޑައިގެންނެވޭނެ ގޮތެއް ނުވިއެވެ. އެ ބައްދަލުވުމުގައި ޕުޓިން ބައިވެރިވެވަޑައިގަތީ ވާޗުއަލް ކޮށެވެ.

އަދި އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް ވެސް ޕުޓިން ވަޑައެއް ނުގަންނަވައެވެ. އޭގެ ބަދަލުގައި ފޮނުއްވީ އެގައުމުގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކާއި އީޔޫގެ އިސްވެރިންވެސް ބައިވެރިވި ޖީ20ގެ އިއްޔެގެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމާފައި ވީ ނަމަވެސް ޔޫކްރައިން މައްސަލައިގައި ރަޝިއާ ކުއްވެރިއެއް ނުކުރެއެވެ. އޭގެ ބަދަލުގައި ބުނެފައި ވަނީ، އެއްވެސް ބައެއްގެ ބިމެއް ގަދަކަމުން އަތުލައިގެން ނުވާނެ ކަމަށެވެ. އަދި އެ ގޮވާލުން ހިމަނާފައި ވަނީ އާންމުކޮށް ހުރިހާ ގައުމަކަށް ނިސްބަތް ވާ ގޮތަށެވެ.