ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް އަދި ދުނިޔޭގެ އިގުތިސޯދުގެ 4 ބައި ކުޅަ 1 ބައި މިހާރު ހިއްސާ ކުރާ 'ބްރިކްސް' އިތުރަށް ފުޅާކޮށް އިތުރު ގައުމުތަކަށް މެންބަރުކަން ދޭން ޗައިނާއިން ގޮވާލައިފިއެވެ. ބްރެޒީލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ކުރިއަރަމުން އަންނަ އިގްތިސޯދުތައް ބައިވެރިވެގެން އުފައްދާފައިވާ ބްރިކްސް އަށް އިތުރު ގައުމުތައް ވެއްދުމަށް ގޮވާލައްވައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، އެކަމުގެ ބޭނުމަކީ ބައިނަލްއަގުވަމީ ހަމަހަމަކަން ގާއިމު ކުރުން ކަމަށާއި ދުނިޔޭގެ މައްޗަށް ހަންފެތުރުމަކީ ޗައިނާގެ ޑީއެންއޭގައި ހުރި ކަމެއް ނޫން ކަމަށެވެ.

މި މޭރުމުން އޭނާ ވާހަކަ ދައްކަވާފައި މިވަނީ، ބްރިކްސް އިތުރަށް ފުޅާ ކުރުމާމެދު އިންޑިއާ އާއި ބްރެޒީލް އިން ހިޔާލުތަފާތު ވާތީއެވެ. އެގައުމުތަކުގެ ބައެއް އޮފިޝަލުން އެކި ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވަނީ، ބްރިކްސް ފުޅާ ކުރުމުން ބޮޑު މަންފާއެއް ޗައިނާ އަށް ލިބޭ ކަމަށާއި، ޗައިނާގެ މާކެޓާއި ޗައިނާއިން އިންވެސްޓްމަންޓްތައް ހޯދަށް ގައުމުތަކަށް ލިބޭ ފުރުސަތު އެހެން ގައުމުތަކާ ބަލާއިރު ފުޅާވެގެން ދާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޗައިނާ އަބަދުވެސް އޮންނާނީ އަބަދުވެސް ތާރީހުގެ ރަނގަޅު ފަޅީގައި ކަމަށާއި ހިޔާލުތަފާތުވުން ހުއްޓަސް ބްރިކްސް ފުޅާވެ ބޮޑުވާން ޖެހޭނެ ކަމަށް ގާބޫލުކުރައްވާ ކަމަށެވެ.

ޝީގެ ވާހަކައިގައި ތާރީހުގެ ރަނަގޅު ފަޅި ކަމަށް އެ އިޝާރާތް ކުރައްވަނީ، 19 ވަނަ ގަރުނުގައި އިނގިރޭސީން ދުނިޔެ އިސްތިއުމާރު ކުރި ގޮތާއި 20 ވަނަ ގަރުނުގައި އެމެރިކާއިން ދުނިޔޭގެ މައްޗަށް ހަންފަތުރަމުން ދާ ގޯސް ތާރީހުގެ ވާހަކައަށެވެ.

"އިންސާނިއްޔަތު ނާޒުކު ފައްތަރަކަށް ހުށަހެޅިފައި ވާ މި ވަގުތުގައި ތާރީހު ދައްކާފައި އޮތީވެސް އަދި މިހާރު ނިއުޅެމުން ދަނީވެސް މީގެ ކުރިން ދުވަހަކުވެސް ކަންކަން ވެފައި އޮތް ގޮތަކަށް ނޫން"
ޝީ ޖިންޕިން

ދެކުނު އެފްރިކާގެ ޖޮހަނަސްބާގުގައި ބްރިކްސްގެ ބައްދަލުވުންތައް ފެށިފައި ވާ އިރު، ބްރެޒީލްގެ ރައީސް ލުއިޒް އިނާސިއޯ ލުލާ ޑަ ސިލްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަޕޯސާ ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެފްރިކާއަށް ވަޑައިގެން ނަމަވެސް އޭނާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެއީ ކޮން ސަބަބަހާ ހުރެކަން ސާފު ނުވިނަމަވެސް އޭނާ ވަނީ، ދެކުނު އެފްރިކާގެ ރައީސް އާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފައެވެ.

ބްރިކްސްގެ ބިޒިނަސް ފޯރަމްގައި ޝީގެ ފަރާތްޕުޅުން ބަޔާން އިއްވީ، ޗައިނާގެ ކޮމާސް މިނިސްޓަރު ވޭންގް ވެންޓާއޯއެވެ.

މުރާސިލުން ބުނާގޮތުގައި، ޝީ ބައިވެރިވެވަޑައި ނުގަތުމުން ދޭހަވަނީ، ބްރިކްސް ތެރޭގައި މިހާރުވެސް ނުތަނަވަސްކަން އޮތް މިންވަރާއި ހިޔާލުތަފާތުވުން ބޮޑުކަމެވެ. އެހެން ކަމުން އިތުރު މެންބަރުން [ގައުމުތައް] ބްރިކްސް އަށް ވައްދައިފިނަމަ ކުރިއަށް ދިޔުމަށް ދަތިވެ ބްރިކްސް ހުއްޓުމަކަށް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބްރިކްސްގެ މި ފޯރަމްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ކުރިން އޭނާ ވަޑައިގަންނަވާ ގޮތަށް އޮތް ނަމަވެސް، އެކަން ނުވީ، ހަނގުރާމައިގެ ޖަރީމާ ހިންގަވާފައި ވާ ކަމަށް ބުނެ އޭނާ ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެރެފައި ވާ އަރުމާ ހެދި އޭނާ ދެކުނު އެފްރިކާ އަށް ވަޑައިގެންދި ނަމަ ހައްޔަރު ކުރަން ޖެހޭނެތީއެވެ. އެހެން ކަމުން މި ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަތި ވާޗުއަލް ކޮށެވެ.

ދެކުނު އެފްރިކާ އަކީ ކްރިމިނަލް ކޯޓުގެ މެންބަރު ގައުމެއް ކަމުން، އެ ކޯޓުން ނެރޭ އަމުރު ތަންފީޒު ކުރަން ލާޒިމު ވުމުން، ޕުޓިން ވަޑައިގެންފި ނަމަ ހައްކަރު ކުރަން ޖެހޭތީ، އެކަން ނުކުރަން އެގައުމުގެ ގާނޫނު އަސާސީ ބަދަލުކުރުމުގެ މަސައްކަތްތަކެއްވެސް ރަމަޕޯސާ ކުރެއްވިއެވެ. ނަމަވެސް އެ އިސްލާހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްވެފައެއް ނުވެއެވެ.

ބްރިކްސްގައި ވާހަކަ ދައްކަވަމުން ބްރެޒީލްގެ ރައީސް ލޫލާ ވިދާޅުވީ، ބްރިކްސްގެ ބޭނުމަކީ ޖީ7 ނުވަތަ ޖީ20 ނުވަތަ އެމެރިކާ އާ ވާދަކުރަން ނޫން ކަމަށާއި އެހެނަސް ބްރިކްސްގެ އުސުލުތަކާ އެއްގޮތަށް އޯގަނައިޒްކޮށް އެ ޖަމާއަތް ހިންގުން ކަމަށެވެ.

ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ، ބްރިކްސްގެ ދޭދެ ގައުމުތަކުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރުމަށް މަގުފަހިވެފައި ވުމުން ޑޮލަރުގެ އަގު ވެއްޓި އެގައުމުގެ އިގުތިސޯދަށް ހެޔޮބަދަލުތައް އަންނަން ވަނީ ފަށާފައެވެ.

ދެކުނު އެފްރިކާއިން ބުނީ، ޑޮލަރު ދޫކޮށްލުމަށް ބްރެޒީލް އިން ހުށަހެޅި ބްރިކްސްގެ ފައިސާއެއް ގެންގުޅުމުގެ ހިޔާލަކީ އަދި ވިސްނާފައި ނުވާ ކަމެއް ކަމަށެވެ.

ބްރިކްސް އިތުރަށް ފުޅާ ކުރުމާމެދު ހިޔާލުތަފާތުވެފައި ވާ މި ވަގުތުގައި، އެޖަމާއަތާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާ ބައެއް ގައުމުތަކަކީ، ސައުދީ އަރަބިއްޔާ، އިންޑޮނީޝިއާ، އީރާން، އާޖެންޓީނާ، މިސްރު ފަދަ ގައުމުތަކެވެ.