ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ އެންމެ މުހިންމު މަސައްކަތް ކަމަށް ބުނެ "އުންމީދާއެކު" ނަމުގައި ކޮންފަރެންސެއް ބާއްވަން އެ ޕާޓީން ނިންމާ އިއުލާން ކޮށްފިއެވެ.
މިއަދު ޕީޕީއެމް އެޕީހުގައި ކޮންފަރެންސް އާ ބެހޭ މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "އުންމީދާއެކު" ކޮންފަރެންސް ބާއްވާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި ކަމަށެވެ. މި ކޮންފަރެންސްގައި ޕާޓީގެ ރަސްމީ ގުނަވަންތަކުގެ ހުރިހާ މެންބަރުން ބައިވެރިވާނެ ކަމަށާއި ކޮންފަރެންސް ނިމޭއިރު ޕީޕީއެމްގެ ދާއިރާތައް އޮންނާނީ ފައްކާވެފައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
"އުންމީދާއެކު" ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާ ކުރުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓުތަކަށް ވެސް އިދިކޮޅުން ދާނެ ކަކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ ގޮތުން އިސްތިއުނާފު މަރުހަލާ ފެށުމުން ކޮންމެ ދުވަހަކު ހައިކޯޓަށް ދާނެ ކަމަށާއި ސުޕުރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެތަނަށް ވެސް ދާނެ ކަމަށް ޝުޖާއު ވިދާޅު ވިއެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ މިދިޔަ މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.