ހަބަރުތައް ކަވަރުކޮށް އިވެންޓުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް މީސްމީޑިއާގެ މަންސަތަކުގައި އިންޒާރުދީ، ފުރައްސާރައާއި ބިރުދެއްކުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް މީޑިއާ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާއްސަކޮށް ހުތުރު ބަސްހުރުވައިން ފުރައްސާރަކޮށް، ފުރާނައަށް ނުރައްކާވާފަދަ އިންޒާރުތައް ދީގެން ހިންގާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ގަނާކޮށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ކޮމިޝަނުން ފާހަގަކުރިއެވެ.
މީގެއިތުރުން، ހަބަރުތައް ގެނެސްދިނުމުގައި މީޑިއާތަކުންވެސް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށް ބަޔާނުގައިވެއެވެ. އެގޮތުން މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ނުވަތަ މުޖުތަމައުގައި ބޭނުންކުރަން އެކަށީގެންނުވާ ހަޑިހުތުރު ބަސްތަކާއި، އަމަލުތައް އަދި އިޝާރާތްތައް ހިމެނޭ އެއްވެސް އެއްޗެއް ޝާއިއުކުރުމާއި ދެއްކުމަކީ މަނާކަމެއްކަން ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
އެހެންކަމުން ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި އެންމެހާ ފަރާތްތަކުންވެސް ޒާތީ ތައައްސުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އަމަލުތައް ބެހެއްޓުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިޔަ ރަސްމާލެ މަޝްރޫއުގެ މީޑިއާ ޓުއާގައި ބައިވެރިވި ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ އަބުރަށްއަރައިގަތުމާއި ނަފްރަތު އުފެއްދުމުގެ ކެމްޕޭންތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް އެކަށީގެންވާ ސެކިއުރިޓީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މޯލްޑިވްސް އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.
އެމްޖޭއޭއިން ފާހަގަކުރި ގޮތުގައި، ނޫސްވެރިން މަސައްކަތްކުރަނީ އެ މީހުން ނިސްބަތްވާ މީޑިއާ ހައުސްތަކުގެ އެޑިޓޯރިއަލް އުސޫލުތަކާ އެއްގޮތަށް ކަމަށްވާއިރު، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިފަދަ އިންޒާރުތަކުގެ ސަބަބުން ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޖޭއޭގެ ރައީސް ނާއިފް އަހުމަދު ވިދާޅުވީ، އެއްވެސް ނޫސްވެރިއަކު އެ މީހެއްގެ ފުރާނައަށް ނުވަތަ އާއިލާގެ ރައްކާތެރިކަމަށް ބިރުގަންނަންޖެހޭ ހާލަތެއްގައި މަސައްކަތްކުރަންޖެހުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
