ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ދެ ކުދިންނަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ބައެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ނޫހު ނިޔާޒު (20އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އިތުރު 30 ދުވަހަށް، ނަޖުމުﷲ ހަސަން (35އ) 45 ދުވަހަށް އަދި މުހައްމަދު ސާލިހު އަހްމަދު (26އ) އާއި އަހްމަދު ސާނިޖު ސާދިގު (32އ) އިތުރު 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވަނީ މި މައްސަލައިގައި މީގެކުރިން މައުލޫމާތު ދިނުމުގައި އެރި ކުށެއް ވެސް އިސްލާހުކޮށްފައެވެ. އެގޮތުން، އަހްމަދު ސާނިޖު ސާދިގު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ކުރިން ބުނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، ރަނގަޅު ގޮތަކީ އޭނާ ފުރަތަމަ ބަންދުކުރަން އަމުރުކުރީ 5 ދުވަހަށް ކަމަށް ބުނެ ފުލުހުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.
މި މައްސަލައަކީ ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވިގެން މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ތަހުގީގު ފުޅާކޮށް ޖުމްލަ 9 ދިވެހި ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 9 މީހުންނަކީ:
- މުހައްމަދު މައިސަން ޝިޔާޒު (21އ) - ފުރަތަމަ ދިނީ 10 ދުވަސް
- އަހުމަދު އިފްތިޝާމް ޒަރީރު (24އ) - ބަންދުކުރީ 90 ދުވަހަށް
- ނަޖުމުﷲ ހަސަން (35އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 45 ދުވަސް
- އާޒިމް މުފީދު (24އ) - ބަންދުކުރީ 15 ދުވަހަށް
- އަލީ ހުޒާމް ސައީދު (31އ) - ބަންދުކުރީ 90 ދުވަހަށް
- މުހައްމަދު ސޯލިހު އަހުމަދު (26އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 5 ދުވަސް
- އަހުމަދު ނޫހު ނިޔާޒު (20އ) - ފުރަތަމަ 5 ދުވަސް، މިހާރު ޝަރީއަތް ނިމެންދެން ބަންދު
- މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 30 ދުވަސް
- އަހުމަދު ސާނިޖު ސޯދިގު (32އ) - ފުރަތަމަ 5 ދުވަސް، މިހާރު އިތުރު 5 ދުވަސް
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ (އެކްސްޕްލޮއިޓް) ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ސީރިއަސްކަން ބޮޑުކަމުން، މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވެސް އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
