މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކުންފުނި (އެމްޓީސީސީ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރު ރޭނުމުގެ މަސައްކަތަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތްކަމަށެވެ.

އޮޑިޓާ ޖެނެރަލް އޮފީހަށް ޒަމާނީ ފެންވަރުގެ ރީތި އަދި ފުރިހަމަ އާ އިމާރާތެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ މުހިންމު އިންފްރާސްޓްރަކްޗާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 10 މާޗް 2024 ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން 43.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 6 ބުރީގެ ޒަމާނީ އޮފީސް އިމާރާތަކަށްވާއިރު މިއީ 17,426.40 އަކަފޫޓުގެ އިމާރާތެކެވެ.

މިއީ 138.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން އޮފީހުގެ މަސައްކަތު މާޙައުލަށް ބޮޑު ލުއެއް ލިބި، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ޒަމާނީ އާ އޮފީސް އިމާރާތުގައި މުވައްޒަފުންނަށް މަސައްކަތްކުރުމަށް ފަހި, ވެއްޓެއް ގާއިމުކުރުމުގެ އިތުރުން، ދުވާލުގެ ވަގުތު ކުދިން ބަލަހައްޓައިދޭ މަރުކަޒެއް (ޑޭކެއާ ފެސިޓީ) އާއި، ވެހިކަލް ޕާކުކުރާނެ ޖާގައާއި، ފޮތްތައް ކިޔައި މައުލޫމާތު ހޯދޭނެ ލައިބްރަރީއެއް ހިމެނެއެވެ.

އަދި މިއީ ތައުލީމީ ޕްރޮގްރާމްތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި ބޮޑެތި ބައްދަލުވުންތައް ބޭއްވޭނެ ކޮންފަރެންސް ހޯލެއް ވެސް އެކުލެވޭނެ އިމާރާތެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.