ހެދުން އެޅުމާ ގުޅޭ ގޮތުން އީރާނުގައި އޮންނަ ގާނޫނާ ހިލާފުވިކަމަށް ބުނެ ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާ އެކު އީރާނުގައި ކުރި މުޒާހަރާއިން ހައްޔަރު މީހުންގެ ތެރެއިން އިތުރު 2 މީހަކު މަރާލައިފިއެވެ.

މުޒާހަރާގައި ފުލުހުންނާއި އާންމުން ކުރިމަތިލައި ހިންގި ހަމަނުޖެހުމުގައި އާންމުންގެ ތެރެއިން 516 މީހަކު މަރުވި އިރު ފުލުހުންގެ ތެރެއިން 68 މީހަކު މަރުވިކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި 70 ކުޑަކުދިންވެސް ހިމެނެެވެ.

ކޯޓު ހުކުމުގެ ދަށުން މިއަދު ދަން ޖައްސާ މަރާލި ދެމީހުންނަކީ އެ މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ މީހަކަށް ހަމަލާދީ އޭނާ މަރާލި ކަމުގެ ކުށް ސާބިތުވި 2 މީހުންނެވެ.

މީގެ ކުރިންވެސް 2 މީހަކު މަރާލާފައި ވާ އިރު މިއަދު މެރި ދެމީހުންނަށް ވެސް ދައުވާ ކުރީ، ދުނިޔެ ފަސާދަ ކުރުމުގެ ކުށާއި ސަލާމަތީ ބާރުތަކުގެ އޮފިސަރު މަރުވި މައްސަލައިގައެވެ. އީރާނުގައި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިންނާ އެކު ޕެރަމިލިޓަރީ (އަސްކަރީ ފައުޖުތައް ގޮތަށް ހަރަކާތްތެރި ވާ ނުރަސްމީ ލަޝްކަރު) ހަރަކާތްތެރި ވެއެވެ. އެއީ ހެދުން އެޅުމާ ބެހޭ ގޮތުން އީރާނުގައި އޮންނަ ގާނޫނު ތަންފީޒު ކުރުމަށް ހަރަކާތްތިވާ ހާއްސަ ފޯސް އެކެވެ.

ދަންޖައްސާ މިއަދު އެމީހުން މަރާލި އިރު އެމީހުންގެ އާއިލާތަކުން ބުނީ ހުކުމް ތަމްފީޒު ކުރުުގެ ކުރިން އާއިލާތަކަށް އެމީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 19،262 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.