މި ސަރުކާރުން ވަނީ ދަރަނީގެ މައްޗަށް ދަރަނި ނަގާފައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން މިއަދު ދ. މީދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފައްދައި އެ ނިޒާމު މެދުވެރިކޮށް ރައްޔިތުންގެ ބޭނުންތައް ހާސިލް ވާނޭ އުސޫލްތައް މި އަންނަނީ ފައްކާވަމުން ކަމަށެވެ.

ރައްޔިތުންގެ އަރިހަށް ވަޑައިގެންފައި ވަނީ ފިކުރެއްގެ ދިރުމުގައި ކަމަށާއި އެއީ އާމްދަނީ އިތުރުވެފައި އާންމު ހާލަތު ރަނގަޅުވެ ތަނަވަސްކަން މަތީގައި އުޅެވޭނޭ އުންމީދެއްގެ ފިކުރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑުކޮށް ރައްޔިތުންގެ އަތުން އަތުލާ މިންވަރު އިތުރުކޮށް ތަކެތީގެ އަގުތައް ބޮޑުވެފައި ވާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ޓެކްސް ބޮޑުކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ދޯދިޔާ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީއަށް ދެ ކެނޑިޑޭޓުން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން "ކުރިއަށް" ނަމުގައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕެއިން ހަރަކާތުގައި އިއްޔެ ރ އަތޮޅުގެ މާކުރަތު، އިންނަމާދޫ އަދި މީދޫއަށް ވަޑައިގެންފައި ވާއިރު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ބޮޑު ތިލަދުންމައްޗަށް މިދިޔަ ޑިސެންބަރު މަހު ވަޑައިގެންފައެވެ. އެއަށްފަހު ފުވައްމުލަކު ސިޓީއަށާއި އއ އަދި އދ ގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

މިހާރު ރައީސް ސޯލިހު ނ ކެނދިކުޅުދޫ އަށް އަދި މަނަދޫ ވަޑައިގެންފައި ވާއިރު އެ އަތޮޅު ވެލިދޫއަށް މިރޭ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް ނަޝީދު މިއަދު ގެންދަވަނީ ފ އަދި ދ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދުގެ ކުރިއަށް އޮތް ކެމްޕެއިން ހަރަކާތްތަކަށް ބަލާއިރު މި މަހުގެ 9 އިން 11 އަށް ނ، ރ އަދި ބ އަށް ވަޑައިގަންނަވާ އިރު މި މަހުގެ 13 އިން 15 ގައި މ، ވ، ތ އަދި ފ އަށް ވަޑައިގަންނަވާނެއެވެ. އަދި 17 ވަނަ ދުވަހު ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާ އިރު 19 އިން 21 އަށް ވަޑައިގަންނަވާނީ ގއ އަދި ގދ އަށެވެ.

މީގެ އިތުރުން މި މަހުގެ 23 އަދި 24 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނާވެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.