އެމްޑީޕީ ޕްރައިމަރީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ދަތުރުފުޅުގެ ތިންވަނަ މަންޒިލް ކަަމަށް ވާ ރ. މީދޫއަށް ވަޑައިގަތްފައި ވާއިރު، އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދު ކުރާ ރައްޔިތުން އެރަށުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫގައި މުޒާހާރާ ކުރަމުންދާ މީހުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމް ބާތިލްކޮށް އެމަނިކުފާނަށް ސަރުކާރުން ދެމުންދާ އަނިޔާތައް ހުއްޓާލައި މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އަންނަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

މީދޫގައި ޕީޕީއެމް ސަޕޯޓަރުން އިހުތިޖާޖު ކުރަނީ / ފޮޓޯ: ދަ ޕަރެސް

ރައީސް ސޯލިހް މިހާރު ވަނީ މީދޫއަށް ވަޑައިގެންފައެވެ. ރައީސް ސޯލިހް މީދޫއަށް ވަޑައިގަތުމަށް އެމަނިކޔފާނަށް ސަޕޯޓްކުރައްވާ ގިނަ ބަޔަކު ވަނީ ރައީސް އަށް މަރުހަބާ ކިޔުމަށް ގޮސްފައެވެ. މީދޫއަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މިއަދު ވަނީ އެ އަތޮޅު މާކުރަތަށާއި އިންނަމާދޫއަށް ވަޑައިގެންފައެވެ. އެ ދެ ރަށުން ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދު ކުރާ މީހުން މަރުހަބާ ކިޔަނީ / ފޮޓޯ: ދަ ޕަރެސް

މީދޫއަށް ރައީސް ވަޑައިގެންފައިވާ އިރު މި ކެމްޕެއިން ދަތުރުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ވެސް އެ ރަށުގައެވެ.

"އެމްޑީޕީ ކުރިއަށް" ޝިއާރާ އެކު ރައީސްގެ ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދާ އިރު މާދަމާ އެމަނިކުފާނު ވަނީ ނ އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެ ގޮތުން ނ. ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދޫއަށް ރައީސް މާދަމާ ވަޑައިގަންނަވާނެއެވެ.

ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ސަޕޯޓަރުން މީދޫގައި ގޮވާލަމުން އަންނަ އިރު، މާލޭގައި ވެސް މިފަހަކަށް އައިސް ޔާމީނަށް ސަޕޯޓް ކުރާ މީހުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ޔާމީނަށް ހުކުމް އިއްވި އިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި ވަނީ އެމަނިކުފާނަށެވެ. ޔާމީން ޖަލަށް ލުމުން 2023 ގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު އެމަނިކުފާނަށް ގެއްލުނަސް އިދިކޮޅު ލީޑާޝިޕްގެ އެހެން އެއްވެސް ބޭފުޅަކު ވެރިކަމާ ނޫޅޭ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.