ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު (ޝަކިއްބެ) ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީގެ އިސްވެރިން އެ އޮފީސް ހިންގާ އިމާރާތަށް އެއްވެ އިހުތިޖާޖު ކޮށްފިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ޕީއެސްއެމްއަށް އެއްވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހޭލުންތެރިކުރަން ކަމަށް ބުނެ ޕީއެސްއެމްއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ހަމަ ހަމަ ފުރުސަތު ނުދޭ ކަމަށް ބުނެއެވެ.
އަދި އެއީ އެކަން ކޮށްގެންވާނެ ގޮތް ނޫންކަން ބުނެ އެމްޑީޕީން ވަނީ ރައްޔިތުންނަށް ކަމުގެ ދެކޮޅު ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އެކަމާ ގުޅިގެން ޕީއެސްއެމްގެ އެމްޑީއާ ބައްދަލު ކުރަން އެދި އިއްޔެ އެމްޑީޕީން ސިޓީއެއް ފޮނުވާފައިވާއިރު އެ ސިޓީގެ ޖަވާބު މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ޕީއެސްއެމްއަށް އެމްޑީޕީ މެންބަރުން ގޮސް އެ ފަރާތްތަކުން ވަނީ ޝަކިއްބެގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި އެކަމާ ދެކޮޅު ޕޯސްޓަރުތައް ހިފައިގެން ޕީއެސްއެމްގައި ތިބެ އިދިކޮޅު ފަރާތްތަކުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
ޕީއެސްއެމްއަށް ދިއުމުން ޝަކިއްބެ މިވަގުތު ރަށުގައި ނެތްކަމަށް އެންގި ނަމަވެސް އެމްޑީޕީން ވަނީ މިވަގުތު ޝަކިއްބެގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި މީހަކާ ބައްދަލު ކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އެކަމަކު އިދިކޮޅަށް އެ ފުރުސަތު ފަހިކޮށްދީފައި ނުވެއެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ވަނީ އެ ޓީވީ ސްޓޭޝަނުން އަމަލުކުރަމުން ދަނީ ޕީއެންސީގެ ކެމްޕެއިނު ޖަގަހައެއް ގޮތަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
