މާލޭގެ ބައެއް މަގުތަކުގައި ބާއްވަމުންދާ އެއްވުންތަކާއި މުޒާހަރާތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭތީ، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު، އެއްވެސް ތަފާތުކުރުމެއްނެތި ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމިތިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ފަހަކަށް އައިސް މާލޭގެ ބައެއް މަގުތަކުގައި ބާއްވާ އެއްވުންތަކުގެ ސަބަބުން މަގުތައް ބަންދުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދު ދުއްވާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހަވާލާދީ ފުލުހުން ބުނީ، އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމަށާއި އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުންގެ ލިޔުމުންދޭ ހުއްދައެއް ނެތި މާލޭގައި އެއްވުންތައް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނިކަމަށްވެސް ފުލުހުން ހަނދާންކޮށްދިނެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

އެހެންނަމަވެސް، ގާނޫނާ އެއްގޮތަށް ބާއްވާ ސުލްހަވެރި ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދީފައެވެ.