އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ހަމަލާއެއް ދޭން އުޅުނު ޒުވާނަކު ހުއްޓުވައިފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސް ސަފުގައި މިރޭ މޭޔަރު އާޒިމް އާއެކު ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް ބައިވެރިވެވަޑައިގެންފައި ވެއެވެ. އިހުތިޖާޖުގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކައިލާން ފިހާރާ ކުރިމަތީގައި ހުރި ޒުވާނަކު ކުރިއަށް ޖެހި މޭޔަރު އާޒިމްގެ މޭމަތީގައި އަތްއަޅާ ވަނީ ކޮށްޕާލާފައެވެ.
އެއާއެކު އެ ދެމެދަށް އެމްޑީޕީގެ އިހުތިޖާޖުގެ ބައިވެރިންތަކެއް ވަދެ އެމީހާ ވަނީ ދުރަށް ޖައްސާފައެވެ. އަދި އެމީހާއަށް ބައެއް ބައިވެރިން ވަނީ ހަމަލާ ދޭން ވެސް މަސައްކަތް ކޮށްފައެވެ. އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުން ގޮސް އެ ހަމަނުޖެހުން ކޮންޓްރޯލްކޮށްފައި ވެއެވެ.
މި ހަމަލާ އާ ގުޅިގެން އިހުތިޖާދުގެ ބައިވެރިން ވަނީ މިއީ ސަރުކާރުގެ ނުފޫޒުން ހިނގި ފިނޑީ އަމަލެއް ކަމަށާއި އެމްޑީޕީގެ އިހުތިޖާޖުތައް ހުއްޓުވުމަށް ހިންގި އަމަލެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފައެވެ. މި ހަމަލާއާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
