ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުންނަށް ސަރުކާރުން ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތު ކޮށްފިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018 ގައި ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އަލުން އިޔާދަވަމުންދާ ކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި ނަޝީދަށް ތާއީދު ކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާ ކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ޓީމުން ބުނެއެވެ. އޭގެ ބޭނުމަކީ އެމީހުން ވޯޓުލުމުން މަހްރޫމްކޮށް ނަޝީދުގެ ކެމްޕެއިނުގައި ރަށުގައި ހަރަކާތްތެރިވުން ދުރުކުރުވުން ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ދަނީ ލިބެމުން ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އެގޮތުން ވާދަވެރި ކެންޑިޑޭޓަށް ތާއީދު ނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނެ ކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށް އެ ޓީމުން ބުނެއެވެ.

ހަމައެއާއެކު ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގަމުންދާ ކަމަށާއި ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެމުންދާ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން މަގާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިހާރު ސަރުކާރުން ފެންނަމުންދާ މި އަމަލުތަކަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން އައި ކަންކަން ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ. އެކަމަކު 2008 ގައި އެމްޑީޕީގެ ވެރިކަން އައުމަށް ފަހު އެކަން ނައްތާލިޔަސް ޔާމީންގެ ވެރިކަމުގައި އަލުން ވުޖޫދުވި އެކަން މި ސަރުކާރުން ވެސް ދަމަހައްޓަމުން ދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ނަޝީދުގެ ފަރާތުން ކެމެޕެއިން ޓީމުން މި ސަރުކާރަށް ފާޑުކިޔައި މީގެ ކުރިން ވެސް ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް ސޯލިހަށް ނާޖާއިޒް މަންފާ ލިބޭނެ ގޮތަށް އެމްޑީޕީ ދަފްތަރަށް މެންބަރުން އިތުރު ކުރަމުން އަންނަ ކަމަށެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީއަށް ވާދަވެރިކަމާއެކު ފޯރީގައި ދެ ކެންޑީޑޭޓުން ކެމޕެއިން ކުރައްވަމުން އަންނަ އިރު މި ވަގުތު ރައީސް ނަޝީދު ހުންނެވީ އއ. ހިމާންދޫގައެވެ. އަދި ރައީސް ސޯލިހް ހުންނެވީ ރ ހިންނަމާދޫގައެވެ.