ރާއްޖޭގެ މާލީ ހާލަތާއި އިގްތިސޯދީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން އަހަރަކު އެއްފަހަރު ނެރޭ ތަފްސީލީ ރިޕޯޓުގެ ކޮޕީ އެއް ހޯދުމަށް، ފިނޭންސް މިނިސްޓްރީގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފިއެވެ.

އައިއެމްއެފްގެ އާޓިކަލްސް އޮފް އެގްރީމަންޓުގެ އާޓިކަލް 4 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު އެއް ފަހަރު އާންމުކުރާ ތަފްސީލީ ރިޕޯޓު އާންމުކޮށްފައިނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ސަރުކާރުން އެދިގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ފޮނުއްވި ސިޓީގައި އީވާ ވިދާޅުވީ، 2020 ން ފެށިގެން ސަރުކާރުން އެ ރިޕޯޓު އާންމުކުރަމުން ނުދާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން މިދިޔަ މަހުގެ 20 ގައި ނެރުނު ބަޔާނެއްގައި އައިއެމްއެފުން ބުނީ، ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އައި ނަމަވެސް، ދަރަނި މެނޭޖުކޮށް ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

"އެ ރިޕޯޓަކީ 2020 ގެ ކުރިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހާމަކުރަމުން އައި ރިޕޯޓަކަށް ވާތީ..." އީވާ ފޮނުއްވި ސިޓީގައިވެއެވެ.

ސަރުކާރުން އެއްބަސްނުވާތީ، އެ ރިޕޯޓު އައިއެމްއެފުން ހާމަނުކުރާ ކަމަށް، ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

"އާންމުކޮށްފައި ވަނީ އެ ރިޕޯޓުގެ ހުލާސާ މިންވަރު، ސީދާ ޖުމްލަ ފުރިހަމަ ރިޕޯޓު އާންމެއް ނުކުރޭ." ނަޝީދު ވިދާޅުވިއެވެ.