ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ސިޔާސަތު ހާމަކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގަރާރެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އެގޮތުން ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތަކާއި ސްޓްރެޓީޖިކް ޕްލޭން ހާމަކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އީވާ ހުށަހަޅުއްވާފައިވާ ގަރާރުގައި ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވުމާ އެކު ދައުލަތް ދަރަނިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް އަމާޒުކުރާ ގޮތުގެ ޕްލޭން އާންމު ކުރުމަކީ މުހިންމު ކަމެއްކަމަށް ވަނީ ބުނެފައެވެ.

ކުރީ ސަރުކާރަށް ދަރަނި ރިސްޓަރަކްޗާކުރާނެ ގޮތް ދިރާސާ ކުރަން ހާއްސަ ކޮމިޓީއެއް ހަދަން މަޖިލީހުން ފާސްކޮށް 8 މަސް ދުވަސް ތެރޭ މަޖިލީހަށް ހުށަހެޅުމަށް ލަފާ އަރުވާފައިވާނެ ކަން ފާހަގަކުރައްވާ އީވާ ވަނީ އެ މުއްދަތު ހަމަ ވި އިރުވެސް ކުރީ ސަރުކާރުން އެފަދައިން އަމަލު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގައި ހިންގާ ޕަންލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލުވާނެ މައިގަނޑު އަމާޒެއް ފެންނަން ނެތުމަކީ ބޮޑު ކަންބޮޑެވުމެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.