ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުނުވުމަކީ ސަރުކާރުން ބޭނުންކަމެއް ކުރަން ދޫކޮށްލުން ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ފެށުމަށްޓަކައި ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާވެސް ކުރިއަށް ގެންދެވިފައި ނުވާއިރު ޖަލްސާގެ ރިޔާސަތު ބެލެހެއްޓަން ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާ ވިދާޅުވީ އެވަގުތު ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ 11 މެންބަރުން ކަމަށާއި، އެހެންކަމުން ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުުގެ ސަބަބުން ކެންސަލްކޮށްފައިވާއިރު މިކަމާ ކަންބޮޑުވުންފާޅުކުރައްވާ އީވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމާ ދައުލަތުގެ ކަންކަމަށް ފާރަވެރިވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާ އާއި ބާރު ކަމަށެވެ. މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރު ޒިންމާދާރުކުރުން ހިމެނޭކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ މެންބަރުން ހާޒިރުނުވުމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލުން ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންނުގައި މެންބަރުން އުޅުއްވާއިރު، މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމްވެސް މާލޭގައި ނޫޅުއްވާތީ ހާޒިރުވެފައެއް ނުވެއެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ޖަލްސާއެއް ކުރިއަށް ގެންދިއުމަށްޓަކައި މެންބަރުންގެ 25 ޕަސެންޓު ހާޒިރުވާންޖެހޭއިރު،މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ވުމުން، ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި ތަޅުމުގައި 22 މެންބަރުން ތިބެން ޖެހޭނެއެވެ.