މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބަލި ގަބޫލުކުރައްވާ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ މުހައްމަދު އިބްރާހީމް (ކުޑޫ) އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީވާ ވިދާޅުވީ ކުޑޫއަށް މަރުހަބާ ދަންނަވާ ކަމަށާއި، ވޭތުވެދިޔަ ތަނުގައި ގަލޮޅު އު ތުރުން ދެއްވި އިތުބާރާ ޔަގީންކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިވަގުތު ހުރިހާ ވޯޓު ފޮށީގެ ވޯޓުތައް ދަނީ ގުނަމުން އަދި ނަތީޖާތައް ނެރެމުންނެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.