ސަރުކާރުން އައްޔަނުކުރާ ވަޒީރުންގެ އަދަދު ކަނޑައެޅުމަށް ހުށަހަޅާ އިސްލާހާއި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލު ހިމެނޭހެން އަށް ބިލެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ތައާރަފްކުރުމަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީިހުގެ އިދާރާގެ ވެބްސައިޓުގައިވާ ގޮތުން، މާދަމާގެ ޖަލްސާގައި އަށް ބިލަކާއި ގަރާރެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަށް ބިލުގެ ތެރޭގައި ރައީސް އެކުލަވާލައްވާ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މެންޑޭޓާއި ވުޒާރާތަކުގެ މަސައްކަތަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުށަހެޅުއްވި ބިލު ހިމެނެއެވެ.
މީގެ އިތުރުން، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން އެންޓި-ޑިފެކްޝަން ބިލު، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި ބިލު ވެސް، މާދަމާގެ ޖަލްސާގައި ތައާރަފްކުރައްވާނެއެވެ.
ދެން މާދަމާގެ މަޖިލީހުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ތައާރަފްކުރުމަށް ހަމަޖެހިފައިވާ ބިލުތަކަކީ:
- ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު
- ރާއްޖޭގެ ބިމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ސިއްހީ ހިދުމަތްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އާބަން ޑިވެލޮޕްމެންޓާއި އާބަން ޕްލޭނިންގެ ބިލު
- ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެކި ފަރާތްތަކުން ނުހައްގުން ހޯދަމުންދާ މުއްސަނދިކަން ހުއްޓުވުމަށްޓަކައި އެ ކުންފުނިތައް ވީ އެންމެ އަވަހަކަށް ޕްރައިވަޓައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާ ގަރާރު ވެސް މާދަމާގެ ޖަލްސާގައި ތައާރަފްކުރާނެއެވެ.
ހަމަ އެހެންމެ، ރަމަޟާން މަސް ނިމޭތާ ދިހަ ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާުހު ތަސްދީގުނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ވެސް މާދަމާގެ ޖަލްސާ އަށް ވަނީ ތާވަލުކުރެވިފައެވެ.