ކުރީ ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިއުލާނުކުރި 4،000 ފްލެޓު ދޫކުރަން ނެރުނު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް އެއްވެސް ލަސްކުރުމެއް ނެތި ދޫކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށާއި، ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފަރާތަކަށް ފްލެޓު ލިބިފައިވާ ކަމަށް އާންމުކޮށް ދާއިމީ ލިސްޓު ނެރުން ވެގެން ދިޔައީ އެތައް އާއިލާއަކަށް ސާދާ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުންމީދަކަށް ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ފްލެޓުތަކުގެ ހައްގުވެރިންނަށް ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވެ، އެ ތަންތަނުގައި ދިރިއުޅެވެންދެން ކުލީގެ ގޮތުގައި އެ ލިބޭ އާމްދަނީން ބޮޑު ބައެއް ހަރަދުކުރަން ޖެހޭ ކަމާއި، ކުދި ކުދި ތަންތަނުގައި ދިރިއުޅެން ޖެހޭ އެތައް އާއިލާއެއް ތިބިކަން އީވާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އޭސީސީން ހިންގި ތަހުގީގަށް ފަހު، ފްލެޓު ދޫކުރިއިރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކަށަވަރުވެފައިވާ މީހުންނަށް ލަސްކުރުމެއް ނެތި ފްލެޓުތައް ދޫކުރުމަށާއި، ވީ އެންމެ އަވަހަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް، އީވާ ގޮވާލައްވާފައިވެއެވެ.

މި މައްސަލައަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 24 މެންބަރުން ވޯޓު ދެއްވިއެވެ.

ގެދޮުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ދިނުން މަޑުޖައްސާލަން ސަރުކާރަށް އޭސީސީން އެންގީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އެ ކޮމިޝަނުން އޭރު ބުނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓު އިތުރުކޮށް، ޝަރުތުހަމަނުވާ ފަރާތްތަކަށް ސަރުކާރުން ފްލެޓު ދޫކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު، ފްލެޓުތައް ދޫކުރުން ހުއްޓާލަން އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާ ކަން ހާމަކޮށް، ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އޭސީސީން ސަރުކާރަށް ހުއްދަ ދިނީ މި މަހުގެ ފުރަތަމަ ދުވަހުގައެވެ. އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފްލެޓު ދޫކުރަން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓު މީހުން ޝަރުތުހަމަނުވާ ކަމަށް، އޭސީސީން މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފައެވެ. އަދި ގާތްގަނޑަކަށް 20 ޕަސެންޓު މީހުންގެ ޝަރުތު ފުރިހަމަވިޔަސް ފޯމުތަކުގައި މައްސަލަ ހުރިކަން ވެސް، އޭސީސީން ވަނީ ފާހަގަކޮށްފައެވެ.